ޚަބަރު
މ.މުލަކުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމް ކުރަނީ!
ކޯލްޑް ސްޓޯރޭޖް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ވުޒާރާ
މ.މުލަކުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ކޯލްޑް ސްޓޯރޭޖް ޤާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަޢުދީގެ ކުންފުންޏަކާއި އެކުއެވެ. މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުއެވެ.
މިކަމަށްޓަކައި މަސްވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމްގެ ހާޒިރުގައި މުލަކުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެޅުމުގެ އެއްބަސްވުމުގައި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް އީނާސް ނަސީރުއެވެ.
ސަޢުދީގެ އާރްއޯއެސް ފޯ ޓްރޭޑިން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޑައިރެކްޓަރު ޙަމަދު މުޙައްމަދު އަލްމިންހާލީ އެވެ.
މި އެއްބަސްވުމުގެ ދަށުން މުލަކުގައި 500 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯލްޑް ސްޓޯރޭޖް ޤާއިމްކޮށް ނިމުމުން އެތަނުގައި ދުވާލަކު 50 ޓަނުގެ މަސް ގަނޑުކޮށްފައި ބެހެއްޓޭނޭކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
މ. މުލަކު ކޯލްޑް ސްޓޯރޭޖް ފެސިލިޓީ އެޅުމަށް ސައުދީގެ އާރް.އޯ.އެސް ފޯރ ޓްރޭޑިންގް ކޮމްޕެނީއާއި މަސްވެރި ވުޒާރާއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފި. pic.twitter.com/bAistakM7K
— Ministry of Fisheries and Ocean Resources (@MFORmv) October 28, 2024
މި މަޝްރޫޢުއަކީ 80 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ. މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، މ.އަތޮޅު މުލަކުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމްކުރެވިގެން ދިއުމުން އެހިސާބުގެ މަސްވެރިންނަށް ވަރަށްބޮޑު ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށެވެ.