ކުޅިވަރު
މަތިވެރި ލީގު: ސްޓެލްކޯ-މަތިވެރި ކަޓުވާލައި ބަބްލްޕޮއިންޓުން ފައިނަލަށް

މަތިވެރި ލީގު---
އިރުބެ މަތިވެރި ފުޓްސަލް ލީގުގައި އެންމެ ވަރުގަދަކޮށް ފެނުނު އެއް ޓީމު ކަމުގައިވާ ސްޓެލްކޯ-މަތިވެރި ބަލިކޮށް، މުބާރާތުގެ ފައިނަލްގެ ޖާގައެއް ބަބްލްޕޮއިންޓުން ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗުތަށް ރޭ އއ. މަތިވެރީގައި ކުޅެފައިވާއިރު، ފައިނަލުން ޖާގަ ހޯދި ދެވަނަ ޓީމަކީ ސްޓެލްކޯ-ބޮޑުފޮޅުދޫއެވެ.
ސްޓެލްކޯ-މަތިވެރި އާއި ބަބްލްޕޮއިންޓު ރޭގެ މެޗަށް ނިކުތްއިރު، ފުރަތަމަ ލެގު ވަނީ 1-1އިން އެއްވަރުވެފައެވެ. އެ މެޗުގައި ފުރަތަމަ ލީޑު ނެގީ ސްޓެލްކޯ-މަތިވެރި ޓީމުންނެވެ. ނަމަވެސް ފަހު ހާފުގައި ބަބްލްޕޮއިންޓުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
ނަމަވެސް ދެވަނަ ލެގުގައި ފުރަތަމަ ލީޑު ނެގީ ރައްޔާންގެ ގޯލަކުން ބަބްލްޕޮއިންޓުންނެވެ. އަދި ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ޝަފޫ ކާމިޔާބުކުރި ގޯލާއެކު ސްޓެލްކޯ-މަތިވެރިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
ވަރަށް ފޯރިގަދަކޮށް ކުރިޔަށްދިޔަ މި މެޗު ބަބްލްޕޮއިންޓުން ކާމިޔާބުކުރީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށް ބާކީ އެއް މިނެޓު އޮއްވައެވެ. އެ ގޯލު ކާމިޔާބުކޮށް، ބަބްލްޕޮއިންޓަށް ފައިނަލުން ޖާގައެއް ކަށަވަރުކޮށްދިނީ އަފްނާންގެ ގޯލަކުންނެވެ.
ސެމީފައިނަލްގެ ދެވަނަ މެޗު 3-0އިން ކާމިޔާބުކޮށް، 6-2ގެ އެގްރިގޭޓް ނަތީޖާއަކުން ފިއުޗަރ ޕްރޮމޯޝަން (އެފްޕީ) ބަލިކުރުމަށްފަހު ފައިނަލުގެ ދެވަނަ ޖާގަ ހޯދީ ސްޓެލްކޯ-ބޮޑުފޮޅުދޫއިންނެވެ.
އެ ޓީމުން މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގައި ޖާދުއްالله ޖެހި ގޯލަކުންނެވެ. އަދި ފަހު ހާފުގައި އޭނާ ޖެހި އިތުރު ގޯލަކާއި ޝިރޭ ޖެހި ގޯލާއެކު އެފްޕީގެ މައްޗަށް ސްޓެލްކޯ-ބޮޑުފޮޅުދޫއިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ.
ބަބްލްޕޮއިންޓާއި ސްޓެލްކޯ-ބޮޑުފޮޅުދޫ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ސެޕްޓެންބަރު 19ވާ ހުކުރު ދަވަހުގެ ރޭގެ 20:30ގައެވެ.