ދީން

އަލްމަންޞޫރުގެ ހުވަފެން: ކަނޑުން އެރި އިނގިލިތައް!

އަލްމަންޞޫރުގެ ހުވަފެން: ކަނޑުން އެރި އިނގިލިތައް!

ކަނޑުން އިނގިލިތަކެއް ދައްކާލަނީ. ފޮޓޯ: ޗެޓް ޖީ.ޕީ.ޓީ.

13 ސެޕްޓެމްބަރު 2025، 03:12

އަބޫ ޖަޢުފަރް އަލްމަންޞޫރަކީ ޢައްބާސީ ޚިލާފަތުގެ ދެވަނަ ޚަލީފާއެވެ. އޭނާ ނިސްބަތްވަނީ މާތް ﷲ އެ ބޭކަލަކަށް ރުއްސުން ލެއްވި ސައްޔިދުނާ ޢައްބާސްގެފާނުގެ ދަރިފަސްކޮޅަށެވެ. އެނގި މަޝްހޫރުވެގެންވާ ގޮތުގައި، ޢައްބާސްގެފާނަކީ ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެފާނުގެ ބޮޑުބޭބޭފުޅެވެ. އަބޫ ޖަޢުފަރް އަލްމަންޞޫރު ޚަލީފާކަން ކުރެއްވީ މީލާދުން 754 ވަނަ އަހަރުން 775 ވަނަ އަހަރަށެވެ. އޭނާ މަޝްހޫރުވެފައިވަނީ ދުނިޔޭގެ ޢިލްމުވެރިކަމުގެ މަރުކަޒު ކަމުގައިވީ "ބަޣުދާދު" ބިނާކުރެއްވި ޚަލީފާގެ ގޮތުގައެވެ.

ކޮންމެއަކަސް، މި ލިޔުމުގައި ޙިއްޞާކޮށްލަން މިއުޅޭ ވާހަކައަކީ، ޚަލީފާ އަބޫ ޖަޢުފަރާ ގުޅުން ހުރި ވާހަކައެކެވެ. މި ވާހަކައިގައިވާ ގޮތުން، އަބޫ ޖަޢުފަރް އަލްމަންޞޫރުގެ ޢުމުރުފުޅުން ދުވަސްތައް ވޭތުވަމުން ދިޔުމާ އެކު، އޭނާގެ ޢުމުރުގައި ބާކީ އޮތީ ކިހައި މުއްދަތެއް ތޯ ހޯއްދެވުމަށް އޭނާ މަސައްކަތްކުރެއްވިއެވެ. މިކަން އެނގިލައްވަން ބޭނުންފުޅު ވެގެން، އެތައް ދަންނަ ބޭކަލުންނެއްގެ ކިބައިން އައްސަވާ ހެއްދެވިއެވެ.

ދެން މިހެން އުޅުއްވަނިކޮށް، އެއްރޭ އަލްމަންޞޫރަށް ހުވަފެނެއް ފެނިލެއްވިއެވެ. އެ ހުވަފެނުގައި، ކަނޑުގައި އުޅޭ ކޮންމެވެސް ދިރުމެއްގެ އަތްތިލަ ކަނޑުގެ ތެރެއިން ނެރެލިއެވެ. އަދި އެ އަތުގައި ހުރި ފަސް އިނގިލި އަލްމަންޞޫރާ ދިމާއަށް ދިއްކޮށްލިއެވެ.

މި ހުވަފެން ވެގެން ދިޔައީ އަބޫ ޖަޢުފަރަށް ފެނިލެއްވި ވަރަށް ޣަރީބު ހުވަފެނަކަށެވެ. މި ހުވަފެން ތަޢުބީރުކުރަން އޭނާ އެކިއެކި ދަންނަބޭކަލުން ގާތު އައްސަވަމުން ގެންދެވިއެވެ. ދެން އެކި ބޭކަލުން އެކި ގޮތްގޮތަށް ހުވަފެން މާނަކުރައްވަމުން ގެންދެވިއެވެ. އަބޫ ޖަޢުފަރް ދިރިހުންނަވާނީ އިތުރު ފަސް މަސް ދުވަސް ކަމުގައި ބައެއް ދަންނަބޭކަލުން ބުނުއްވިއެވެ. އަނެއް ބައި ބޭކަލުން ދެކިލެއްވީ، އެ ފަސް އިނގިލިން ރަމްޒުކޮށްދެނީ ފަސް އަހަރު ދުވަސް ކަމުގައެވެ. ވީމާ، ފަސް އަހަރު ފަހުން އަބޫ ޖަޢުފަރު އަވަހާރަވާނެ ކަމަށް އެ ބޭކަލުން ބުނުއްވިއެވެ. ނަމަވެސް، މިއިން އެއްވެސް ތަޢުބީރެއް ރަނގަޅު ކަމަކަށް ނުވިއެވެ. މި މުއްދަތުތައް ވޭތުވިއިރު ވެސް، އަބޫ ޖަޢުފަރް ގަދަވެ ސަލާމަތުން ހުންނެވިއެވެ.

ކޮންމެއަކަސް، އަބޫ ޖަޢުފަރަށް މި ހުވަފެން ފެނިލައްވައިގެން އުޅުއްވާ ކަމުގެ ޚަބަރު އިމާމް އަބޫ ޙަނީފާއާ ހަމައަށް ފޯރިއެވެ. އަބޫ ޙަނީފާ ރަޙިމަހުﷲ އަކީ ސުންނީ ފިޤުހުގެ މަޝްހޫރު ހަތަރު މަޛްހަބުތަކުގެ ތެރެއިން އެންމެ ފުރަތަމަ އުފެދުނު މަޛްހަބު އެ އިމާމަކަށް ނިސްބަތްކުރެވިގެންވާ އިމާމެވެ. ދެން މި ހުވަފެނުގެ ތަޢުބީރާ ބެހޭ ގޮތުން އިމާމް އަބޫ ޙަނީފާއާ ސުވާލުކުރެވުނެވެ. އެ ހިނދު އެކަލޭގެފާނު ދެންނެވިއެވެ: "އެ ފަސް އިނގިލިން ދޭހަކޮށްދެނީ ޣައިބުގެ ފަސް ތަޅުދަނޑިއެވެ."

މާތް ﷲ ލުޤްމާން ސޫރަތުގެ 34 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ: 

إِنَّ ٱللَّهَ عِندَهُۥ عِلْمُ ٱلسَّاعَةِ وَيُنَزِّلُ ٱلْغَيْثَ وَيَعْلَمُ مَا فِى ٱلْأَرْحَامِ وَمَا تَدْرِى نَفْسٌ مَّاذَا تَكْسِبُ غَدً وَمَا تَدْرِى نَفْسٌ بِأَىِّ أَرْضٍ تَمُوتُ إِنَّ ٱللَّهَ عَلِيمٌ خَبِيرٌ

މާނައީ: "ހަމަކަށަވަރުން، ޤިޔާމަތް ވުމުގެ (ވަޤުތުގެ) ޢިލްމު ވަނީ ﷲގެ ޙަޟްރަތުގައެވެ. އަދި އެކަލާނގެ ވާރޭ ވެއްސަވަތެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއް ކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮން ބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ ރަސްކަލާނގެއެވެ."

މި އާޔަތުގައިވާ ފަސް ކަންތަކަކީ ޣައިބުގެ ފަސް ތަޅުދަނޑީގެ ގޮތުގައި ޢިލްމުވެރީންގެ މެދުގައި މަޝްހޫރުވެފައިވާ ފަސް ކަންތަކެވެ.

މި "ތަޅުދަނޑި"ތަކަށް އިޝާރަތްކުރައްވާ، ސޫރަތުލްއަންޢާމްގެ 59 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ:

وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ

މާނައީ: "އަދި ޣައިބުގެ ތަޅުދަނޑިތައް ވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއް ވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއް ވިޔަސް، އަދި ރޯއެއްޗެއް ވިޔަސް، ހިކިއެއްޗެއް ވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ."

މި އާޔަތުގައި ނަންގަނެވިގެންވާ "ޣައިބުގެ ތަޅުދަނޑިތައް" އެއީ އިހު ނަންގަތް އާޔަތުގައި ބަޔާންވެގެންވާ ފަސް ކަންތައް ކަމަށް ތަފްސީރު ޢިލްމުވެރީން ލިޔުއްވައެވެ.

އެއީ: 1) ޤިޔާމަތްވާނެ ވަޤުތާއި، 2) ވާރޭ ވެހޭނެ ވަޤުތުތަކާއި، 3) ރަޙިމުތަކުގައިވާ ދިރުންތަކުގެ ތަފްޞީލުތަކާއި، 4) ކުރިމަގުގައި ހިނގާނެ ކަންތައްތަކާއި، 5) ކޮންމެ ނަފްސެއް މަރުވާނެ ގޮތުގެ ތަފްޞީލެވެ.

ވީމާ، އަލްމަންޞޫރު ދެކިލެއްވި ހުވަފެނުން ރަމްޒުކޮށްދެނީ، އެއްވެސް މީހަކު މަރުވާނެ ވަޤުތު ދެނެނުގަނެވޭނެކަން ކަމަށް އިމާމް އަބޫ ޙަނީފާ ކިޔައިދެއްވިއެވެ.

މި ރިވާޔަތުގައި، ހުވަފެނުގައި ފެނުނު ކަނޑުގެ މާނައަކީ ކޮބައި ކަން ބަޔާން ކޮށްފައެއް ނުވެއެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އެ ކަނޑުން ރަމްޒުކޮށްދެނީ މާތް ﷲގެ ކަލާމްފުޅު ކަމުގައިވާ ވުމަކީ، އެކަށީގެންވާ ކަމެކެވެ. އެ ކަނޑުން ނުކުތް އިނގިލިތަކުން ރަމްޒުކޮށްދެނީ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ، "ޣައިބުގެ ތަޅުދަނޑިތައް" ހިމެނޭ އާޔަތެވެ.

އަލްމަންޞޫރުގެ ހުވަފެނުގައިވާ ކަނޑުން ރަމްޒުކޮށްދެނީ ކީރިތި ޤުރުއާން ކަން ދޭހަވާ ދަލީލަކީ، ކީރިތި ޤުރުއާން ލިޔަން ބޭނުންކުރާ ދެލި، ކަނޑަކާ އެއްފަދަކުރައްވާފައިވުމެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ކީރިތި ޤުރުއާނުގެ ދެލި ކަނޑަކާ އެއްފަދަކުރައްވާފައިވާ އާޔަތަކީ ވެސް ޣައިބުގެ ތަޅުދަނޑިތަކުގެ ތަފްޞީލީ އާޔަތް ހިމެނިގެންވާ ސޫރަތުގައިވާ އާޔަތެކެވެ. އެއީ ހަމަ ލުޤުމާން ސޫރަތެވެ. އެސޫރަތުގެ 27 ވަނަ އާޔަތުގައި ވެއެވެ:

وَلَوْ أَنَّمَا فِي الْأَرْضِ مِن شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِن بَعْدِهِ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَاتُ اللَّهِ إِنَّ اللَّهَ عَزِيزٌ حَكِيمٌ

މާނައީ: "އަދި ހަމަކަށަވަރުން، ބިމުގައިވާހާ ގަސްގަހާގެއްސަކީ، ޤަލަމްތަކެއްކަމުގައި ވެފައި، އަދި ކަނޑު (ދެލިކަމުގައިވެފައި) އޭގެފަހަށް ހަތްކަނޑު އެއާއެކުވިޔަސް، ﷲގެ ކަލިމަފުޅުތައް (އެއިން ލިޔެ) ހުހެއް ނުވާނެތެވެ. ހަމަކަށަވަރުން، ﷲއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ."

ވާހަކައިން ލިބޭ ބައެއް ފިލާވަޅުތައް:

  • އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނެ ތަނާއި ވަޤުތު ނޭނގޭނެކަން
  • ހުވަފެން ތަޢުބީރުކުރުމަަށްޓަކައި ކީރިތި ޤުރުއާނުގެ ޢިލްމު ވަރަށް ފުންކޮށް އެނގެން ޖެހޭކަން
  • އެއްވެސް ނަފްސަކަށް މަރުވާނެ ވަޤުތު ނޭނގޭތީވެ، އަބަދުމެ މަރަށް ތައްޔާރުވުމުގެ މުހިންމުކަން

އަލްމަންޞޫރްގެ ވާހަކައިގެ ރިވާޔަތުގެ މަޞްދަރުތައް:

تفسير الزمخشري ج3 ص505، فيض القدير للمناوي ج5 ص525

މި ލިޔުން ކިޔާލުމުން