ޚަބަރު
އަލީބާބާއާ ގުޅިގެން ބާއްވާ ވޯކްޝޮޕަށް 260 އަށްވުރެ ގިނަ ވިޔަފާރިވެރިން ރަޖިސްޓާކޮށްފި

ދިވެހި އުފެއްދުންތެރިންގެ މަސައްކަތްތައް ދައްކާލުން/ފޮޓޯ: ޕީއެސްއެމް
ރާއްޖޭގައި އީކޮމާރސްއާއި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އަލީބާބާއާ ގުޅިގެން ބާއްވާ އޮންލައިން ވޯކްޝޮޕަށް މިހާތަނަށް 260 އަށްވުރެ ގިނަ ބައިވެރިން ރަޖިސްޓާކޮށްފިއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ވޯކްޝޮޕް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށެވެ. މި ވޯކްޝޮޕްގައި ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރައްވާނީ އަލީބާބާ.ކޮމް ގެ އެކްސްޕާރޓުންނެވެ. މި ވޯކްޝޮޕްގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އަލީބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި ސެލާރ އެކައުންޓް ހުޅުވައި، އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.
ދިވެހިން ކުރަމުންދާ ވިޔަފާރިތައް ފުޅާކޮށް، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ދިވެހި ވިޔަވާރިވެރިންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.