ކުޅިވަރު

އަނިޔާއިން އެނބުރި އައިސް ޕާމާ ގޯލު ޖެހިނަމަވެސް، ބްރެންޓްފޯޑުން އިތުރު ވަގުތު އެއްވަރުކޮށްފި

އަނިޔާއިން އެނބުރި އައިސް ޕާމާ ގޯލު ޖެހިނަމަވެސް، ބްރެންޓްފޯޑުން އިތުރު ވަގުތު އެއްވަރުކޮށްފި

ބްރެންޓްފޯޑުގެ ދެވަނަ ގޯލު ކާމިޔަބުކުރަނީ، ފޮޓޯ: ޕްރިމިއަރ ލީގު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 ސެޕްޓެމްބަރު 2025، 09:35

14 ސެޕްޓެމްބަރު 2025، 09:35

އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މެޗަށް ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައި ފުރަތަމަ މެޗުގައި ޗެލްސީގެ ތަރި ކޯލް ޕާމާ ގޯލު ޖެހިނަމަވެސް، ބްރެންޓްފޯޑުން އިތުރު ވަގުތު ކާމިޔާބުކުރި ގޯލަކާއެކު، 2-2އިން މެޗު އެއްވަރުވުމުން، ޗެލްސީއަށް ޕޮއިންޓަކުން ފަރުޖައްސާލަން ޖެހިއްޖެއެވެ. 

މި މެޗުގައި ބްރެންޓްފޯޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، އިތުރު ވަގުތުގައި ކުޅެން ނިކުތް ފެބިއޯ ކަވާލިއޯއެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ބްރެންޓްފޯޑެވެ. މެޗުގެ 35ވަނަ މިނެޓުގައި ބްރެންޓްފޯޑުން އުފެއްދި ކައުންޓަރ އެޓޭކެއްގައި، ޗެލްސީގެ ހާފުތެރޭގައި އޮތް ބޮޑު ހުސްޖާގައަށް ދުވަމުން ދިޔަ ކެވިން ޝޭޑްއަށް ދުރުން ރީތި ބޯޅައެއް ފޮނުވާލީ، މި ސީޒަންގައި އެ ޓީމާ ގުޅުނު ޖޯޑަން ހެންޑަސަންއެވެ. އެ ބޯޅަ ހިފައިގެން ޗެލްސީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ޝޭޑް ވަނީ ހަމަޖެހިލާފައި ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލުމަށްފަހު ބްރެންޓްފޯޑަށް ލީޑުނަގައިދީފައެވެ.

ޗެލްސީއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގައި ގަޑީއެއްހާއިރު ކުޅެވުނު ފަހުންނެވެ. ޒައޯ ޕެޑްރޯގެ ބޯޅައަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޕާމާއެވެ. 

އަދި 85ވަނަ މިނެޓުގައި މޫސަސް ކެއިސީޑޯ ބްރެންޓްފޯޑުގެ ގޯލުގެ މަތީ ކަނަށް ފޮނުވާލި ބާރުބޯޅައާއެކު، ޗެލްސީއިން 10 ޕޮއިންޓާއެކު ލީގުގެ އެއްވަނައަށް އަރާނެކަމަށް ބެލެވުނެވެ. 

ނަމަވެސް ޗެލްސީގެ "ޑިފެންސިވް ތާރޑް"އިން ބްރެންޓްފޯޑަށް ލިބުނު އެއްލުން، ޕެނަލްޓީ އޭރިއާގެ ތެރެއަށް ފޮނުވާލުމުން، އެ ބޯޅަ ސާފުކޮށް ނުލެވި ގޮސް ލިބުނީ ފަހަތުގައި ހުރި ފެބިއޯ އަށެވެ. އޭނާ ވަނީ އެ ބޯޅަ ފަސޭހަކަމާއެކު ގޯލަށް ޖައްސާލައި، ބްރެންޓްފޯޑަށް ޕޮއިންޓެއް ހޯދައިދީފައެވެ. 

މަ ނަތީޖާއާއެކު، ލީގުގެ އެއްވަނައިގައި ނިންމާލުމުގެ ފުރުސަތު ލިބިފައި އޮތް ޗެލްސީއިން އެ ފުރުސަތު ގެއްލުވާލުމުން، އެ ޓީމު މިހާރު އޮތީ ލީގުގެ 5 ވަނައިގައެވެ. އަދި 4 ޕޮއިންޓާއެކު ބްރެންޓްފޯޑު އޮތީ ލީގުގެ 12 ވަނައިގައެވެ.

ޕްރިމިއަރ ލީގުގެ ދެ މެޗެއް މިރޭ ވެސް ކުޅޭނެއެވެ. ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބާރންލީ އާއި ލިވަޕޫލްއެވެ. އަދި މިރޭގެ ފަހު މެޗުގައި، ރާއްޖެ ގަޑިން 8:30ގައި ބައްދަލުކުރާނީ މެންޗެސްޓަރއަށް ނިސްބަތްވާ ދެ ޓީމު ކަމުގައިވާ، މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން