Ads by Stelco

ޚަބަރު

ކުރީގެ ރައީސުންނަށް ދޭ ޕެންޝަން ކުޑަކުރަން ފެންނަކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ކުރީގެ ރައީސުންނަށް ދޭ ޕެންޝަން ކުޑަކުރަން ފެންނަކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ރައީސް ނަޝީދު، ފޮޓޯ: އޭޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

14 ސެޕްޓެމްބަރު 2025، 10:15

14 ސެޕްޓެމްބަރު 2025، 10:15

ކުރީގެ ރައީސުންނަށް ދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން ފެންނަކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިކަން ހާމަކުރެއްވީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރައްވައިފައިވާ ބޭފުޅުންނަށް ދެމުންދާ ބައެއް އިނާޔަތްތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވެސް އެކަމަށް ތާޢީދު ކުރަމުން ދަނިކޮށެވެ.

ކުރީގެ ރައީސުންނަށްދޭ ޕެންޝަންގެ މިންވަރު ކުޑަކުރަން އަޅުގަނޑަށް ވެސް ފެނޭ.

ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއަށްފަހު އެ މަނިކުފާނު ވަނީ މިކަމާ ގުޅުވައި ކުރީގެ ޅެންބައިތުތަކެއް ޚިއްޞާ ކުރައްވާފައެވެ.

ލިބޭ މިންވަރު ނިކަން ދަނެގެން

ވި ބޭނުންތައް ބަހާލައިގެން

ތިބޭ ނަމައީ ފިކުރުކޮށްގެން

މި ބޭޒާރެއް ނުވެސްވީހޭ

ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ޤާނޫނުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50,000 ރުފިޔާ ދައުލަތުން ދޭންޖެހެއެވެ. އަދި އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް، މަހަކު 75,000 ރުފިޔާ ދައުލަތުން ދޭންޖެހެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހައި ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު މުޖުތަމަޢަށް ފައިދާހުރި އިޖުތިމާޢީ މަސައްކަތްތައްކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަހަކު 175,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެކަމަށްވެސް ޤާނޫނުގައި އޮވެއެވެ.

ރައީސް މުޢިއްޒު މި މަހުގެ 10ވަނަ ދުވަހު ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށާއި މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް، ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާޙު ކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އިސްލާޙުތައް ހުށަހަޅުއްވާނެ ދުވަހެއް އަދި އެ މަނިކުފާނު ހާމަކުރައްވާފައެއް ނުވެއެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރާ ބޭފުޅުންނަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ދަޢުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުން އަންނަ މީހެއް ނަމަ އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ޤަވާއިދުތައް އިސްލާހުކުރެވިގެންދާނެކަން ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން