ޚަބަރު
ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކާ މެދު މާދަމައިން ފެށިގެން ފިޔަވަޅު އަޅަނީ

ރާއްޖެގައި އުޅޭ ބިދޭސީންތަކެއް/ފޮޓޯ: ދަ ޕްރެސް އެމްވީ
ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކާ މެދު މާދަމައިން ފެށިގެން ފިޔަވަޅު އަޅާނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއީ، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އެ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
ބިދޭސީ މަސައްކަތްތެރިިންނާ މެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ބެހޭ ގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކޮށްފައިވާ ޢިއުލާނުގައި ވާގޮތުން، މުސާރަ ނުދިނުމާއި، ރާއްޖެ ގެނައުމަށްފަހު އެމީހުން އެކްސްޕްލޮއިޓްކުރެވޭނެ ފަދަ ޢަމަލެއް ހިންގުމާއި، ބިދޭސީން ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އޭނާ ލައްވާ އަދާކުރުވުމުގެ އިތުރުން، ބިދޭސީންނަށް ފޯރުކޮށްދޭން ޤާނޫނާއި ޤަވާއިދުތަކުގައި ބަޔާންކުރާ އަސާސީ ކަންކަން ފުރިހަމަކޮށް ނުދޭނަމަ ވަޒީފާދޭ ފަރާތްތައް -/50،000 ރުފިޔާއިން ޖޫރިމަނާ ކުރުމަކީ އެކަށީގެންވާ ކަމެކެވެ.
މީގެ އިތުރުން، ވަޒީފާ އާއި ބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި ނުހިމެނޭ ކަމެއް ނަމަ، ޤާނޫނުގެ 8-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެ މަތީން -/100،000 ރުފިޔާއަށް ވުރެ ބޮޑު ނޫން ޢަދަދަކުން ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރެވޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މާދަމާއިން ފެށިގެން އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް މި ފިޔަވަޅުތައް ތަންފީޛު ކުރަމުން ދާނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި ވަޒީފާ ދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ޚަލާޞް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ޚިދުމަތެއް ނުލިބޭނެ ކަމަށް ވެސް އެވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި ކަމާ ގުޅުންހުރި ހުރިހައި އިދާރާތަކެއް ގުޅިގެން މަސައްކަތްކުރަން ފެށީ، 2023 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެގޮތުން، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް، ބިދޭސީންނާ ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.