ޚަބަރު
މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގައި ރާއްޖެއިން ބައިވެރިވުން / ފޮޓޯ: ޑިފެންސް މިނިސްޓްރީ
ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ދިވެހިރާއްޖެއިން މިއަދު ރަސްމީކޮށް ބައިވެރިވެއްޖެއެވެ.
މި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ކޯލިޝަންގެ ޗާޓަރުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އދ. ގެ މުޢާހަދާތަކާއި، އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފެއްދި މި ކޯލިޝަނަކީ ސަޢޫދީ ޢަރަބިއްޔާއާއެކު ގާތް ގުޅުމެއް ބާއްވާ ގިނަ ޤައުމުތަކެއް ހިމެނޭ އިއްތިހާދެކެވެ. ރާއްޖެއިން މި ކޯލިޝަނާ ގުޅުމުގެ ސަބަބުން، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަޚްވަންތަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. މީގެއިތުރުން، ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމަށް ބޭނުންކުރާ މުހިންމު ކަނޑުދަތުރުފަތުރުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުވެ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މަސްލަޙަތުތައް ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޚާރިޖީ ވަޒީރު އޮނަރަބަލް އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީއާއި، ޚާރިޖީ ވުޒާރާއާއި އެމްއެންޑީއެފްގެ އިސް އޮފިސަރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި