ޚަބަރު
ކުޑަފަރީ ސިއްޙީ މަރުކަޒު: މިހާރު ކުރިޔަށްދަނީ ފައުންޑޭޝަން ބީމްގެ މަސައްކަތް
ކުޑަފަރީ ސިއްހީ މަރުކަޒުގެ މަސައްކަތް / ފޮޓޯ: އެމްޓީސީސީ
ނ. ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމްގެ މަސައްކަތްތައް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި ސިއްޙީ ދާއިރާއާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަޝްރޫޢުތައް ދަނީ ބާރަށް ކުރިއަށެވެ. އެގޮތުން ކުޑަފަރީގައި ތަރައްޤީކުރާ ސިއްޙީ މަރުކަޒުގެ އައު އިމާރާތަކީ އެ ރަށާއި ކައިރި ސަރަޙައްދުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.
ނ. ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27.6 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ވާގޮތުން 360 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަންޖެހެއެވެ.
އެމްޓީސީސީން ބުނީ މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދާ ފައުންޑޭޝަން ބީމް އެޅުމުގެ މަސައްކަތް ނިމުމުން އިމާރާތުގެ ދެން ހުރި މައިގަނޑު ސްޓްރަކްޗަރަލް މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.
މި މަޝްރޫޢު ނިމިގެންދާއިރު، ކުޑަފަރީގެ ރައްޔިތުންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބި، ޒަމާނީ ވަސީލަތްތަކާއެކު ރަނގަޅު ސިއްޙީ ޚިދުމަތެއް ލިބިގެންދާނެއެވެ.