ޚަބަރު
ގައިޑު ހަރަކާތަކީ ކުއްޖާ މުރާލިވެ، ޤައުމާއި ދީނުގެ އަގު އުގަންނައިދޭ ހަރަކާތެއް: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު / ފޮޓޯ: ޕީއެސްއެމް
ގައިޑު ހަރަކާތަކީ ސިއްޙަތަށް އިސްކަންދީ، މުރާލިވެ، ހިތްތަކުގައި ކުލުނު އުފައްދައި، ޤައުމާއި ދީނުގެ އަގު އުނގަންނައިދޭ މުހިންމު ހަރަކާތެއް ކަމަށާއި، މި ހަރަކާތުގެ ތެރެއިން އުފެދޭ ކޮންމެ އަންހެން ފަރުދަކީ މުޖުތަމަޢަށް ނުހަނު ބޭނުންތެރި ފަރުދަކަށް ވެގެންދާނެ ކަމަށް، ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ 25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގ ކޭމްޕް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ގައިޑު ހަރަކާތަކީ ދަރިވަރުން ފަރުދީ ފެންވަރުގައި ބިނާކޮށް، އެކަށީގެންވާ ރަނގަޅު ތަރުބިއްޔަތަކަށް އަހުލުވެރިކުރުވާ ވަރަށް އަގުހުރި ހަރަކާތެއް ކަމަށެވެ. އެގޮތުން، ދުޅަހެޔޮ ސިއްޙަތަކަށް އިސްކަންދިނުމާއި، މަސައްކަތަށް މުރާލިވުމާއި، އަނެކުންނަށް އަޅާލައި ކުލުނު ބެހެއްޓުމުގެ އިތުރުން، އިސްލާމްދީނާއި ޤައުމިއްޔަތުގެ މަތިވެރި އަގުތައް ކުދިންގެ ކިބައިގައި އަށަގެންނެވުމުގައި ގައިޑު ހަރަކާތް މުހިންމު ދައުރެއް އަދާކުރާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އަދި ގައިޑު ހަރަކާތުން ކުއްޖާގެ ފަރުދީ ޝަޚްޞިއްޔަތު ބިނާކުރުމުގެ އިތުރުން، އިޖުތިމާޢީ ގޮތުން ޒިންމާދާރު ޝަޚްޞިއްޔަތެއް ބިނާކޮށްދޭ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މީގެއިތުރުން މި ހަރަކާތުގެ ތެރެއިން މުޖުތަމަޢަށް ނުކުންނަ ފަރުދުންނަކީ ޤައުމީ ފެންވަރުގައި އެމީހުންގެ މަސައްކަތް ބަލައިގަންނަ، އަދި ޤައުމުގެ އެކި ކަންކަމުގައި ހެޔޮ ބަދަލުތަކެއް ގެނައުމުގެ ނުފޫޒާއި ޤާބިލުކަން ހުންނާނެ ބައެއް ކަމުގައިވެސް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި މި ކޭމްޕުގައި، ދަރިވަރުން ދިރިއުޅުމަށް ބޭނުންވާ ގިނަގުނަ ކަންތައްތަކެއް އުނގެނި، އަގުހުރި ތަޖުރިބާތަކެއް ހާސިލްކޮށްފައިވާތީ، ތަމްރީނު ފުރިހަމަކުރި ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މަރުހަބާ ދަންނަވާފައެވެ.