Ads by Stelco

ޚަބަރު

ސްކޭމް މައްސަލަތަކުން ރައްކާތެރިކުރުވުމަށް ށ. ފޯކައިދޫގައި ފުލުހުންގެ ޚާއްޞަ ސެޝަނެއް

ސްކޭމް މައްސަލަތަކުން ރައްކާތެރިކުރުވުމަށް ށ. ފޯކައިދޫގައި ފުލުހުންގެ ޚާއްޞަ ސެޝަނެއް

ފުލުހުންގެ ޚާއްޞަ ސެޝަނުގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 ސެޕްޓެމްބަރު 2025، 04:17

14 ސެޕްޓެމްބަރު 2025، 04:17

ސްކޭމް މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް ށ. ފޯކައިދޫގައި ދިވެހި ފުލުހުންގެ ޚާއްޞަ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ، އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި، އެންޓި ސްކޭމް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި ސެޝަނުގައި، އިންޓަނެޓް ބޭނުންކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ބްލެކްމެއިލްކޮށްގެން ހިންގާ ކުށްތަކާއި، އެފަދަ އެއްވެސް ކަމެއް ދިމާވެއްޖެ ޙާލަތެއްގައި ފުލުހުންނަށް ރިޕޯޓްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. ހަމަ އެހެންމެ، ތިމާގެ ޒާތީ މަޢުލޫމާތު އެއްވެސް މީހަކަށް ހިއްސާނުކުރުމަށާއި، ކޭޝްކާޑު، ޕިންނަންބަރު ފަދަ އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރުމަށް ފުލުހުން ވަނީ ނަޞޭޙަތްތެރިވެފައެވެ.

މީގެ އިތުރުން، ސްމާޓް ފޯނާއި ލެޕްޓޮޕް އަދި ކޮމްޕިއުޓަރު ފަދަ އިލެކްޓްރޯނިކްސް ޢާލާތްތައް ރައްކާތެރިކުރާނެ ގޮތްތަކާއި އީމެއިލް އަދި ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ޕްރައިވަސީ ސެޓިންގ ހަދާނެގޮތް މި ސެޝަނުގައި ބައިވެރިންނަށް ކިޔައިދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، މި ވަޞީލަތްތައް މެދުވެރިކޮށް ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތަކާއި ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން ވަނީ ކިޔައިދީފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ސެޝަންގައި ބަވަނަވަމުންދާ ދުނިޔޭގައި ޓެކްނޮލޮޖީގެ ތެރެއިން ދަރިން ތަރުބިއްޔަތުކުރާނެ ގޮތާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ބެލެނިވެރިއަކަށް ވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން، މިފަދަ މުޖުތަމަޢެއްގައި ނަމޫނާ ބެލެނިވެރިއެއްގެ ދައުރާއި ދަރިން ތަރުބިއްޔަތުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއެކު ދަރިން ތަރުބިއްޔަތުކުރާނެ ގޮތް ފުލުހުން ވަނީ ކިޔައިދީފައެވެ.

ހަމަ މިއާއެކު، ރަނގަޅު އަޚްލާޤެއްގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަށް ބާރުއަޅައި މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ދަރިން އިންޓަނެޓް ބޭނުންކުރާއިރު ބެލެނިވެރިން އެކަން މޮނީޓަރކުރުމަށް މަޢުލޫމާތު ހިއްސާކޮށްފައިވުމުގެ އިތުރުން، ރައްކާތެރި ނޫން ގޮތުގައި އިންޓަނެޓް ބޭނުންކުރުމުން ދިމާވާނެ ނޭދެވޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ބައެއް އެޕްލިކޭޝަންތަކުގެ އެހެނިހެން މަޢުލޫމާތު ވެސް ފުލުހުން ހިއްސާކޮށްފައިވެއެވެ.

ކުށްމަދު އަމާން މުޖުތަމަޢެއް ބިނާކުރުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމަށް އަތޮޅުތެރޭގައި ފުލުހުން ގެންދަނީ ހޭލުންތެރިކުރުވުމުގެ ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން