ޚަބަރު
"މެންޓަލް ހެލްތް ގެޕް ޓްރެއިނިންގ ޕްރޮގްރާމް" ފުވައްމުލަކު ހޮސްޕިޓަލުގައި ފަށައިފި

"މެންޓަލް ހެލްތް ގެޕް ޓްރެއިނިންގ ޕްރޮގްރާމް" ފުވައްމުލަކު ހޮސްޕިޓަލުގައި ކުރިއަށް ގެންދަނީ.

ފަރުދުން
14 ސެޕްޓެމްބަރު 2025، 04:39
14 ސެޕްޓެމްބަރު 2025، 04:39
މެންޓަލް ހެލްތް ގެޕް ޓްރެއިނިންގ ޕްރޮގްރާމް ފުވައްމުލަކު ހޮސްޕިޓަލުގައި ފަށައިފިއެވެ.
ފުވައްމުލަކު ހޮސްޕިޓަލުގައި ފެށި މި ތަމްރީން ޕްރޮގްރާމުގައި، ދާއިރާއާ ގުޅޭ ތަޖުރިބާކާރުންގެ އެހީއާއެކު، ނަފްސާނީ އުނދަގޫތަކާއި ނަފްސާނީ ބަލި ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމުގައި، ނަފްސާނީ ބަލިތަކުގެ ޢަލާމާތްތައް ދުރާލާ ދެނެގަތުމާއި، ބަލި މެނޭޖްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި އެފަރާތްތަކާއެކު މަސައްކަތްކުރުމުގައި ބޭނުންވާނެ މަޢުލޫމާތާއި ހުނަރު، ބައިވެރީންނަށް ދަސްވެގެންދާނެއެވެ.
މެންޓަލް ހެލްތް ގެޕް ޓްރެއިނިންގ ޕްރޮގްރާމަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ.) އިން، ދިވެހިރާއްޖެ ފަދަ ނަފްސާނީ ފަރުވާ ދިނުމުގެ ވަސީލަތްތައް މަދު ޤައުމުތަކުގައި، ޚިދުމަތް ފޯރުކޮށްދެމުންދާ ސްޕެޝަލިސްޓް ނޫން ޚިދުމަތްތެރީންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށްގެން، ނަފްސާނީ ބަލީގެ ފަރުވާ ދިނުމުގައި ހުރި ފަރަޤު ކުޑަކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ތަމްރީން ޕްރޮގްރާމަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ސެންޓަރ ފޯރ މެންޓަލް ހެލްތްގެ އެހީތެރިކަމާއެކު ކުރިއަށްދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އައްޑޫ ސިޓީގައި ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.