ޚަބަރު
އަލިބާބާގެ ވޯކްޝޮޕަށް ޖުމުލަ 448 ފަރާތަކުން ރަޖިސްޓްރީކުރި!

އަލިބާބާ ލޯގޯ.

ފަރުދުން
14 ސެޕްޓެމްބަރު 2025، 04:40
14 ސެޕްޓެމްބަރު 2025، 04:40
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ.) އިން، ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމަރސް ޕްލެޓްފޯމް ކަމަށްވާ އަލިބާބާ ޑޮޓް ކޮމްއާ ގުޅިގެން، ދިވެހި ވިޔަފާރިވެރީންނަށާއި އީ-ކޮމަރސްއަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ ވޯކްޝޮޕަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، ޖުމުލަ 448 ފަރާތަކުން ވަނީ ވޯކްޝޮޕަށް ރަޖިސްޓްރީކޮށްފައެވެ.
މި ވޯކްޝޮޕަށް ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން، ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 155 އަށް ވުރެ ގިނަ ފަރާތުން ރަޖިސްޓްރީވެފައިވާ ކަމަށް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރެއްވިއެވެ.
ވަޒީރު ސަޢީދު މީގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ވޯކްޝޮޕް ކުރިޔަށްދާނީ މިމަހުގެ 16 ވަނަ ދުވަހު (މާދަމާ ނޫން އަނެއް ދުވަހު) އޮންލައިންކޮށް ކަމަށާއި، މިއީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓްތަކަށް ނުކުތުމަށް ލިބިގެންދާ ރަނގަޅު ފުރުޞަތެއް ކަމަށެވެ.
މި ވޯކްޝޮޕްގައި މަޢުލޫމާތު ޙިއްޞާކުރައްވާނީ އަލީބާބާ ޑޮޓް ކޮމްގެ ތަޖުރިބާކާރު މާހިރުންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤުޞަދަކީ، ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލިބާބާ ޑޮޓް ކޮމްގެ ޕްލެޓްފޯމްގައި އެ ފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލަރ އެކައުންޓް ހުޅުވޭނެ ގޮތް ފަހިކޮށްދިނުމެވެ.
ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމަރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްތައް ހުޅުވޭނެ ގޮތް ހަައްދަވައި، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. މާދަމާ ނޫން އަނެއް ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަލިބާބާ ވޯކްޝޮޕަކީ މި ވަޢުދުފުޅު ފުއްދެވުމުގެ ދަށުން ކުރެވިގެންދާ މުހިންމު މަސައްކަތެއްކަން ފާހަގަކުރެވެއެވެ.