ޚަބަރު
ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަންގެ އިސްވެރިންނާ ސީޕީ ނަވީން ބައްދަލުކުރައްވައިފި

ބައްދަލުކުރެއްވުމުގެ ތެރެއިން/ފޮޓޯ: ފުލުހުން
ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަންގެ އިސްވެރިންނާ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ބައްދަލުކުރައްވައިފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު ކޮމިޝަނަރ އޮފީހުގައި ކަމަށެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ރަޝީދުއާއި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ޙުސައިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމަ އެހެންމެ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޒް އަމްޖަދު މުސްޠަފާއާއި، ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ ޙުސައިންއާއި، ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަންގެ އެހެނިހެން ބައެއް އިސްވެރިން ބައިވެރިވެލައްވާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަން އިން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، ކޯޓުތަކާއި ފަނޑިޔާރުންގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ވެސް މަޝްވަރާކުރައްވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.