ޚަބަރު
ދައުލަތުގެ އާމްދަނީ ކުރިއެރުމާއެކު، ޚަރަދުތައް ކުޑަވެއްޖެ: މާލީ ވުޒާރާގެ ރިޕޯޓު

މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާ ފޮޓޯ: މޯލްޑިވްސް ފައިނެންޝަލް ރިވިއު
މިއަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީގެ ބޮޑުބައެއް މިހާތަނަށް ލިބިފައިވާކަމަށް މާލީ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާއިން ކޮންމެ ހަފްތާއަކު ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް" ގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ދައުލަތަށް 26.3 ބިލިޔަން ރުފިޔާގެ އާމްދަނީއާއި ހިލޭ އެހީ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %8.0 އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓުން ދައްކާގޮތުގައި، މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ލިބިފައިވާ 26.3 ބިލިޔަން ރުފިޔާއަކީ މިއަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީގެ %66 އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 24.3 ބިލިޔަން ރުފިޔާއެވެ.
އާމްދަނީ އިތުރުވި ގޮތް:
މިއަހަރު ދައުލަތަށް ލިބުނު އާމްދަނީގެ %78 އަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މިހާތަނަށް 20.5 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 19.2 ބިލިޔަން ރުފިޔާއެވެ. މާލީ ވުޒާރާއިން ބަޔާންކުރާ ގޮތުގައި، ޓެކްސް ރޭޓްތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ގްރީން ޓެކްސްގެ އާމްދަނީ %104.6 އިން އިތުރުވެފައިވެއެވެ. އަދި ޑިޕާޗަރ ޓެކްސްގެ އާމްދަނީ %57.9 އިން އިތުރުވެފައިވާއިރު، ފަރުދުންގެ އާމްދަނީން ނެގޭ ޓެކްސް %17.3 އިން އިތުރުވެފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިހާތަނަށް 5.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ %56.8 އިން އިތުރުވުން ހިމެނެއެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %9.7 އިން އިތުރުވެ، 1.5 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމުގެ ނަތީޖާއެކެވެ. މީގެ އިތުރުން، ލޭންޑް އެކުއިޒިޝަން އެންޑް ކޮންވަރޝަން ފީ، ލީޒް ޕީރިއެޑް އެކްސްޓެންޝަން ފީ އަދި ރިޒޯޓު ކުލީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ.
ދައުލަތުގެ އާމްދަނީއަށް ލިބުނު ކުރިއެރުމާއެކު، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު %47.9 އިން އިތުރުވެ، 1.4 ބިލިޔަން ރުފިޔާއަށް އަރާފައިވާކަންވެސް މާލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ޚަރަދުތައް ކުޑަކުރެވުނު ގޮތް:
އާމްދަނީއަށް ކުރިއެރުން ލިބިފައިވާއިރު، މިއަހަރު ޖުމްލަ ގޮތެއްގައި ދައުލަތުގެ ޚަރަދުތައް ކުޑަކޮށްފައިވާކަންވެސް މާލީ ވުޒާރާގެ ރިޕޯޓުތަކުން އެނގެއެވެ. މިހާތަނަށް ދައުލަތުގެ ބަޖެޓުން 25.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %15.5 ދަށް އަދަދެކެވެ. ޚަރަދު ދަށްވުމުގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ކެޕިޓަލް ޚަރަދު %57.7 އިން ދަށްވުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މިއަހަރު މިހާތަނަށް ރިކަރެންޓް ޚަރަދުގެ ގޮތުގައި 22.1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ރިކަރަންޓް ޚަރަދުގެ %56.7 ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %4.5 ދަށް ޢަދަދެކެވެ.
ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، މިއަހަރު މިހާތަނަށް 3.3 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ ތެރޭގައި މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުންފަދަ އިންފްރާސްޓްރަކްޗަރ އެސެޓްތައް ހިމެނޭހެން 2.9 ބިލިޔަން ރުފިޔާ މިވަނީ ހޭދަކޮށްފައެވެ.
ސަރުކާރުން ދަނީ ދައުލަތުގެ އާމްދަނީއަށް ލިބޭ ކުރިއެރުންތަކާއެކު ޚަރަދުތައް ކުޑަކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. މީގެ ތެރޭގައި ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޚަރަދުތައް ކުޑަކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.