ޚަބަރު
އިމްޕޯޓް އެކްސްޕޯޓްގެ 4 ޚިދުމަތެއް "ޓްރޭޑިއަން" ޕްލެޓްފޯމްއަށް ބަދަލުކުރަނީ

ޓްރޭޑިއަން ޕްލެޓްފޯމް.

ފަރުދުން
14 ސެޕްޓެމްބަރު 2025، 05:59
14 ސެޕްޓެމްބަރު 2025، 05:59
ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައި، އިމްޕޯޓް އެކްސްޕޯޓްގެ 4 ޚިދުމަތެއް އެ ޕްލެޓްފޯމަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
ޓްރޭޑިއަން ޕްލެޓްފޯމް ހިންގަމުންދާ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގުޅިގެން މިއަދު ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުން، އިމްޕޯޓް އެކްސްޕޯޓާ ގުޅުންހުރި، ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ، ހަތަރު ޚިދުމަތެއް، 21 ސެޕްޓެންބަރު 2025 ވާ އާދިއްތަ ދުވަހުން ފެށިގެން ފޯރުކޮށްދެވޭނީ، ހަމައެކަނި "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށެވެ.
21 ސެޕްޓެންބަރު 2025 އިން ފެށިގެން ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް އިން ދެވޭނެ ޚިދުމަތްތައް:
1. ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީ ކުރުން
2. ވެސަލް އެރައިވަލް / ޑިޕާޗަރ އިންފޮމޭޝަން ހުށަހެޅުން (އީ.ޓީ.އޭ. / އީ.ޓީ.ޑީ.)
3. ސީ ކާގޯ މެނިފެސްޓް ހުށަހެޅުން
4. ޕޯކް އެންޑް ލިކަރ އިމްޕޯޓް ޕަރމިޓް ހުށަހެޅުން
އެ އިޢުލާނުގައިވާ ގޮތުން، މި ޚިދުމަތްތަކަށް "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް އެދެވޭނީ ހަމައެކަނި "ޓްރޭޑިއަން" ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނާއި ޝިޕިންގ އޭޖެންޓުން އަދި އިމްޕޯރޓަރުންނާއި އެކްސްޕޯރޓަރުންނަށެވެ.
ވިޔަފާރިވެރީންނާއި ޚިދުމަތްދޭ އިދާރާތައް ގުޅުވައިދިނުމަށްޓަކައި "ޓްރޭޑިއަން" ޕްލެޓްފޯމް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އިފްތިތާޙުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ. މި ޕްލެޓްފޯމްގެ މަޤުޞަދަކީ ރާއްޖޭގައި ވިޔަފާރިތަކަށް ހުއްދަތައް ދިނުމުގައި ޙަރަކާތްތެރިވާ އިދާރާތައް ގުޅިގެން އެއް ޕޯޓަލެއްގެ ދަށުން ފަސޭހަކަމާއި އަދި އަވަސްކަމާއެކު ޚިދުމަތް ފޯރުކޮށްދެއްވޭނެ މަގެއް ފަހިކުރުމެވެ.