ޚަބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިރިލަންދޫ ސްކޫލަށް ބޭނުންވާ 10 ލެޕްޓޮޕް ހަދިޔާކޮށްފި

ލެޕްޓޮޕް ހަދިޔާކުރުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ތ. ހިރިލަންދޫ ސްކޫލަށް ބޭނުންވާ 10 ލެޕްޓޮޕް ހަދިޔާކޮށްފި އެވެ.
އެ ވުޒާރާގެ ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފް ފަންޑުން ވަނީ، ތ. ހިރިލަންދޫ ސްކޫލްގެ ކޮމްޕިއުޓަރ ލެބަށް ބޭނުންވާ 10 ލެޕްޓޮޕް ހަދިޔާކޮށްފައެވެ. އެ ވުޒާރާއިން ވިދާޅުވީ، މި ލެޕްޓޮޕުތައް ހަދިޔާކޮށްދެއްވުމަށް ދީނީ ވަޤުފް ފަންޑުގައި އެދިލައްވާފައިވަނީ ތ. ހިރިލަންދޫ ކައުންސިލްގެ ފަރާތުން ކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އެގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ސާލިފް ނަސީރުއެވެ. އަދި ހިރިލަންދޫ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ކައުންސިލްގެ ރައީސް މުޙައްމަދު ޖަލާލް ސޮއިކުރެއްވިއިރު، ހިރިލަންދޫ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ޝައްމޫންއެވެ.
މިި ލެޕްޓޮޕުތައް ހަދިޔާކުރުމުގެ މަޤުޞަދަކީ، ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ތ. ހިރިލަންދޫ ސްކޫލްގެ ދަރިވަރުންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުންކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.