Ads by Stelco

ޚަބަރު

އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް، އެ ބާވަތްތައް އެތެރެކުރުމަށް އަންގައިފި

އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށް، އެ ބާވަތްތައް އެތެރެކުރުމަށް އަންގައިފި

މޭވާއާއި ތަރުކާރީ---

farudhun logo

ފަރުދުން

14 ސެޕްޓެމްބަރު 2025، 06:48

14 ސެޕްޓެމްބަރު 2025، 06:48

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޢާންމުކޮށް, އެތެރެކުރުމަށް އަންގައިފިއެވެ. އެ ވުޒާރާއިން މި ބަދަލު ގެނެސްފައިވަނީ 10 ބާވަތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީ، އެސް.ޓީ.އޯ. މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި އެސް.ޓީ.އޯ.އިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން އަންގަވާފައެވެ. ނަމަވެސް އަސާސީ ކާބޯތަކެތީގެ ގޮތުގައި ކުރިން އެކުލަވާލި ލިސްޓަށް، އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު އަސާސީ ކާބޯތަކެތީގެ ލިސްޓުގައި އިތުރު 23 ބާވަތެއް ހިމަނާފައިވާނެއެވެ. އަދި އެ ތަކެތި އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރުމަށްފަހު، ގަނޑުކޮށް ވިއްކުމަށް ވަނީ އަންގާފައެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި މޭވާ:
- ދޮންކެޔޮ
- އާފަލު
- އޮރެންޖު
- ލުނބޯ
- ޖުމްހޫރީމޭވާ
- އަނބު
- ފަޅޯ
- ކަރާ
- މިރުސް
- މޭބިސްކަދުރު

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރި ތަރުކާރީ
- ރަތް ފިޔާ
- އިނގުރު
- ކެރެޓު
- ބަށި
- ކައްޓަލަ
- ލޮނުމެދު
- އަލުވި
- ކެބެޖު
- ބަރަބޯ
- ބޯވެލި

މި ބާވަތްތަކުގެ އިތުރުން، ރީނދޫ މުގާއި ކުކުޅު ބިސް އަދި ކާށި ވެސް އަސާސީ ކާބޯތަކެތި ކަމުގައި އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ.

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ އެސް.ޓީ.އޯ. މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް ނިންމެވީ، ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމަށް ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޛުކުރެއްވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކުގެ އިތުރުން 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، ކާށި ފަދަ ތަކެތި އެސް.ޓީ.އޯ. މެދުވެރިކޮށް ގަނޑުކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ރައީސް ނިންމަވާފައިވާއިރު، ބައެއް މޭވާއާއި ތަރުކާރީގެ އަގު ދިވެހި ބާޒާރުގައި ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ރައީސްގެ ނިންމެވުމާ އެއްގޮތަށް، އެސް.ޓީ.އޯ. މެދުވެރިކޮށް ތަކެތި އެތެރެކޮށް ވިއްކަން ފެށުމުން، ބާޒާރުގައި އެ ތަކެތީގެ އަގު އެއް ވަރެއްގައި ހިފެހެއްޓި، ރައްޔިތުންނަށް ހެޔޮ އަގުގައި މޭވާއާއި ތަރުކާރީ ލިބިގެންދާނެއެވެ.

ރާއްޖޭގެ ބާޒާރުގައި އެއްވެސް ބާވަތެއްގެ މޭވާއެއް ނުވަތަ ތަރުކާރީއެއްގެ އަގު އުފުލޭ ނަމަ، އެސް.ޓީ.އޯ. މެދުވެރިކޮށް ސަރުކާރުން އެތަކެތި އެތެރެކޮށް، ވަޤުތުން ވަޤުތަށް އަގު ދަށް ކުރުމަށް މަސައްކަތް ކުރެއެވެ. ދާދި ފަހަކުން ވެސް، އޮރެންޖުގެ އަގު އުފުލުމާ ގުޅިގެން، އެސް.ޓީ.އޯ.އިން ވަނީ އޮރެންޖުގެ ޝިޕްމަންޓެއް އެތެރެކޮށް، ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން