ޚަބަރު
ފުވައްމުލަކުގައި އަލަށް ބިނާކުރާ މިސްކިތުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ
ފުވައްމުލަކު ދޫޑިގަން ސަރަޙައްދުގައި ސަރުކާރުން ބިނާކުރަމުންދާ 500 މީހުންގެ ޖާގައިގެ މިސްކިތް---
ފުވައްމުލަކު ދޫޑިގަން ސަރަޙައްދުގައި ސަރުކާރުން ބިނާކުރަމުންދާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތުގެ 85 އިންސައްތަ މިހާރު ނިމިފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
އެ ވުޒާރާއިން މި މަޢުލޫމާތު ހާމަކުރައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިންނެވެ.
ދައުލަތުގެ ބަޖެޓުން 11.9 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނާއެވެ. މި މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދެއެވެ.
މި މިސްކިތް ބިނާކުރަމުންދަނީ ތިމާވެއްޓާ ރައްޓެހި ޒަމާނީ ފަރުމާއަކަށެވެ. އެގޮތުން މިސްކިތް އެއްކޮށް އޭސީ ކުރުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށްޓަކައި، އިރުގެ ހަކަތަ (ސޯލާ އެނާޖީ) ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ފުވައްމުލަކު ދޫޑިގަން ސަރަޙައްދުގައި ސަރުކާރުން ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ކުރިއަށް ދަނީ. މިސްކިތުގެ 85 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި. @MMuizzu @presidencymv @Mohamedshaheem1 https://t.co/LJnq78PpTV
— Ministry of Islamic Affairs & Endowments (@MVIaffairs) October 28, 2026
މީގެ އިތުރުން ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ ބައިގެ އިތުރުން، ދީނީ ތަޢުލީމާއި މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ލައިބްރަރީއަކާއި ކުލާސްރޫމެއް ވެސް މި އިމާރާތުގައި ހިމެނެއެވެ. މިއީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ދީނީ އަދި އިޖުތިމާޢީ އެކި ކަންކަމުގައި ބޭނުންހިފޭ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތްތަކެކެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދީނީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މިސްކިތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން މިހާރުވެސް ދަނީ ހިންގަމުންނެވެ. އަދި ބައެއް ރަށްރަށުގައި މިސްކިތްތަކުގެ އިތުރުން ފުރިހަމަ ވަސީލަތްތަކާއެކު އިސްލާމީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދެއެވެ.