ޚަބަރު
އުޞޫލާ އެއްގޮތަށް ބޭނުންކުރަމުން ނުދާތީ މީޑިއާ ފެންޑާ އުވާލައިފި

މީޑީއާ ފެންޑާ.

ފަރުދުން
14 ސެޕްޓެމްބަރު 2025، 07:39
14 ސެޕްޓެމްބަރު 2025، 07:39
ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް މީޑިއާ ފެންޑާގެ ބޭނުން ހިފަމުން ނުދާތީ، މީޑީއާ ފެންޑާ އުވާލައިފިއެވެ. މިކަން އިޢުލާނުކޮށްފައިވަނީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރި 2025-001 ނަންބަރު ނޫސް ބަޔާން މެދުވެރިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގާ ކަންކަމާއި، އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ހޯދައި، މީޑިއާ ކަވަރޭޖް ހަދަން ނޫސްވެރީން ތިބުމަށް ޚާއްޞަކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، 29 މެއި 2025 ގައި ޤާއިމުކުރެވުނު މީޑިއާ ފެންޑާގެ ބޭނުން، އެތަން ހުޅުވީއްސުރެ މި ފާއިތުވީ 3 މަހެއްހައި ދުވަހުގެ ތެރޭގައި، ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ހިފަމުން ނުގެންދާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެ އުޞޫލުގެ ދަށުން، މީޑިއާ ފެންޑާ ބޭނުން ކުރަން ރާއްޖޭގެ މީޑިއާތަކުން ކަނޑައެޅި ނޫސްވެރީންނަށް އެތަން ބޭނުންކުރުމުގެ ރަސްމީ ހުއްދަ ދޫކޮށްފައިވީ ނަމަވެސް، އެ ހުއްދަ ހޯދާފައިނުވާ ބަޔަކު، ނޫސްވެރީންގެ ނަމުގައި މީޑިއާ ފެންޑާއަށް ވަދެ، އެ ތަން ބޭނުންކުރުމުގެ އުޞޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާކަމަށާއި، އެ ކަމުގެ ސަބަބުން، އެ ތަނުގައި ތިބެ، ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް އެއްގޮތަކަށް ވެސް ނުކުރެވޭކަމުގެ ޝަކުވާ، އެތަން ބޭނުންކުރުމުގެ ހުއްދަ ނަގާފައިވާ ބައެއް ނޫސްވެރީން ކޮށްފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ގްރީން ޒޯންގައި ހުންނަ މިތަނުގައި, ޢާންމު މަޞްލަޙަތު ގެއްލޭ، އަދި ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އިދާރާތަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަން ވެސް ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެ ތަނުގައި ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީން ޒޯންގެ ނިޡާމު ގެއްލޭ ގޮތަށް ޢަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި ޢާންމުކޮށްފައިވާ އުޞޫލުގެ ބައެއް މާއްދާތަކާ ޚިލާފު ޤާނޫނީ ކުށެއް ކަމުގައި ވެސް އެ ބަޔާނުގައި ވެއެވެ.
މީޑިއާ ފެންޑާ އުވާލި ކަމުގައިވިޔަސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެ ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކޮށް، ނޫސްވެރީންނަށް ފޯރުކޮށްދިނުމުގެ އިންތިޡާމު އެހެން ގޮތަކަށް ހަމަޖެހިގެންދާނެކަމަށް ނޫސްބަޔާނުގައި ވެއެވެ.