ޚަބަރު
މާފުށީ ޖަލުގައި ހިންގި އޮޕަރޭޝަނުގައި ސްކޭމް ކުރުމަށް ބޭނުން ކުރެވިދާނެ ގިނަ އާލާތް ހޯދައިފި

މާފުށީ ޖަލު، ފޮޓޯ: ޕީއެސްއެމް
މާފުށީ ޖަލުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ސްކޭމް ކުރުމަށް ބޭނުންކުރެވިދާނެ ގިނަ އާލާތް ހޯދައިފިއެވެ.
މި މަހުގެ 11ވަނަ ދުވަހި ފުލުހުން ހިންގި މި އޮޕަރޭޝަނަކީ، އެ ޚިދުމަތަށް ހުށަހަޅާ ސްކޭމްގެ ގިނަ މައްސަލަތަކެއްގައި، މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުން ޝާމިލްވާކަމަށް ފާހަގަކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި އެ ޚިދުމަތުން ވަނީ އެކި ބްރޭންޑުތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ހޯދާފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި އެ ޚިދުމަތުން މިފަދަ އޮޕަރޭޝަންތައް ޖަލުތަކުގައި ކުރިޔަށް ގެންދާނެއެވެ.
ޖަލުގައި ތިބޭ ގައިދީން ފޯނު ބޭނުންކޮށްގެން ހިންގާ ސްކޭމު ކޯލުތަކުގެ މައްސަލަ ހައްލު ކުރުމަށް މާފުށީ ޖަލުގައި ވަނީ އެންޓަނާއެއް ބަހައްޓައިފައެވެ. އަދި ސްކޭމު މައްސަލަތައް ހުއްޓުވުމަށް ޓެލެކޮމް އޮޕަރޭޓަރުންނާ ގުޅިގެން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ގިނަ ފިޔަވަޅުތައް އަޅައިފައެވެ.
ބޭންކު މެދުވެރިކޮށް ހިންގާ ސްކޭމުތައް ހުއްޓުވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ ކުރިން ވިދާޅުވީ، މާފުށީ ޖަލުގައި ބެހެއްޓި އެންޓަނާއަށް އަރާ ހުރިހާ ނަންބަރުތަކެއްގެ ވެރިފިކޭޝަން ފުލުހުންނަށް ދޭން ޓެލެކޮމް އޮޕަރޭޓަރުންނަށް އުނދަގޫ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ޑީސީޕީ އިބްރާޙިމް އިތުރަށް އޭރު ވިދާޅުވީ، ޖަލަށް ވެއްދުން މަނާ ތަކެތި ވައްދާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރާ ކަމަށާއި ޖަލަށް އެފަދަ ތަކެތި ވެއްދުން އެއްކޮށް ހުއްޓުވޭނެ ކަމަށް އެއްވެސް އިރަކު ވިދާޅު ނުވާނެ ކަމަށެވެ. ނަމަވެސް ކުރިއާ އަޅާބަލާއިރު ޖަލަށް ވެއްދުން މަނާ ތަކެތި ވައްދާ މިންވަރު ވަރަށް ބޮޑަށް މަދުކުރެވިފައިވާކަން ވެސް ޑީސީޕީ އިބްރާހިމް ވަނީ ފާހަގަކުރައްވާފައެވެ.