ޚަބަރު
ޖަރުމަނުގައި އެއްޗެއް ގޮވައިގެން ޒަހަމްވި ފައްޔާޒު ނިޔާވެއްޖެ

ޖަރުމަނުގައި އެއްޗެއް ފިހިގެން އަނިޔާވި ދިވެހި މީހާ: އޭނާ ވަނީ ނިޔާވެފައި -- ފޮޓޯ/ ފޭސްބުކް، ފައްޔާޒް
ޖަރުމަނުވިލާތުގައި އެއްޗެއް ގޮވައިގެން ޒަހަމްވެގެން ފަރުވާދެމުންދިޔަ ފައްޔާޒު ދާއޫދު ނިޔާވެއްޖެއެވެ.
ބ. ތުޅާދޫއަށް އުފަން އުމުރުން 37 އަހަރުގެ ފައްޔާޒުއަށް އަނިޔާވި ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުއެވެ. އަދި މި ހާދިސާއާ ގުޅިގެން އޭނާ ނިޔާވުމާ ހަމައަށް އައީ މިއުނިކްގެ ބޯގެންހައުސަން ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.
"ސަން" އޮންލައިންއަށް ދިން އިންޓަވިއުއެއްގައި ފައްޔާޒުގެ ރަޙުމަތްތެރިއަކު ބުނެފައިވަނީ، އޭނާއަށް ވެންޓިލޭޓަރުގައި ފަރުވާދިން ނަމަވެސް، އޭނާގެ ހާލު ދިޔައީ ރަނގަޅުވަމުންނެވެ. ނަމަވެސް މިއަދު ކުއްލިއަކަށް ހާލު ދެރަވެ ނިޔާވީކަމަށް ބުނެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް އަނިޔާވީ ކެމިކަލް ގުދަނެއްގައި އެއްޗެއް ގޮވައިގެން ހިނގި ހާދިސާއެއްގައެވެ. މި ހާދިސާގައި ފައްޔާޒުގެ ހަށިގަނޑުގެ 50 އިންސައްތަ ވަނީ އަނދާފައެވެ.
ފައްޔާޒަކީ ރާއްޖޭގެ އެންމެ ފުރަތަމަ ކައިޓް ސާފަރުންގެ ތެރޭގައި ހިމެނޭ، އެ ކުޅިވަރުގައި ފާހަގަކޮށްލެވޭ މީހެކެވެ.
ފައްޔާޒު ކައިވެނީގެ ގޮތުން ގުޅިގެން އުޅެނީ ޖަރުމަނުގެ އަންހެނަކާއެވެ. އެހެންކަމުން މި ހާދިސާ ހިނގިއިރު އޭނާ ދިރިއުޅެމުން ދިޔައީ ޖަރުމަނުވިލާތުގައެވެ.