ކުޅިވަރު

އަހަރެއް ފާއިތުވީ ފަހުން ސިޓީއަށް ޔުނައިޓެޑު ބަލިކުރެވިއްޖެ

އަހަރެއް ފާއިތުވީ ފަހުން ސިޓީއަށް ޔުނައިޓެޑު ބަލިކުރެވިއްޖެ

މެންޗެސްޓަރ ސިޓީގެ އާރލިން ހާލަންޑު ގޯލު ކާމިޔާބުކުރުމަށްފަހު އިފާފާޅުކުރަނީ، ފޮޓޯ: ޕްރިމިއަރ ލީގު

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ސެޕްޓެމްބަރު 2025، 06:29

15 ސެޕްޓެމްބަރު 2025، 06:29

އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރއަށް ނިސްބަތްވާ ދެ ޓީމު ރޭ ކުރިމަތިލާފައިވާއިރު، އެއް އަހަރަށްފަހު މެންޗެސްޓަރ ސިޓީއަށް މެންޗެސްޓަރ ޔުނައިޓެޑު ބަލިކުރެވިއްޖެއެވެ. އާރލިން ހާލަންޑު ކާމިޔާބުކުރި ދެ ގޯލާއެކު މި މެޗުގައި ސިޓީއިން ވަނީ ޔުނައިޓެޑުގެ މައްޗަށް ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

ސިޓީ އޮފް މެންޗެސްޓަރ ސްޓޭޑިއަމްގައި ކުރިޔަށްދިޔަ މި މެޗު ސިޓީއިން ކާމިޔާބުކުރީ 3-0އިންނެވެ. މިއީ މިދިޔަ ސީޒަންގައި ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗަށްފަހު ސިޓީއަށް ޔުނައިޓެޑު ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އެ މެޗުގައި ވެސް ސިޓީއަށް ކުރި ލިބުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މިދިޔަ ސީޒަންގައި ސިޓީގެ ދަނޑުގައި ކުޅުނު މެޗުގައި ޔުނައިޓެޑުން ވަނީ 2-1އިން ސިޓީ ބަލިކޮށްފައެވެ. އަދި އޯލްޑް ޓްރެފަރޑްގައި ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.

ސިޓީއިން ވާދަވެރި ޔުނައިޓެޑުގެ މައްޗަށް ރޭ ހޯދި ކާމިޔާބަކީ، ލީގުގައި ފުރަތަމަ މެޗު ކާމިޔާބު ކުރެވުނު ފަހުން، ޖެހިޖެހިގެން ދެ މެޗުން ބަލިވެފައި ވަނިކޮށް، އެ ޓީމަށް ހޯދުނު ފުރަތަމަ ކާމިޔާބެވެ. 

މި މެޗުގައި ސިޓީއަށް ލީޑު ނަގައިދިނީ، މި ސީޒަންގައި އެ ޓީމުގެ ފުރަތަމަ އެގާރައިން އަލަށް ޖާގަ ދިން ފިލް ފޮޑެންގެ ގޯލަކުންނެވެ. ސިޓީއިން ފުރަތަމަ ކުޅުނު ތިން މެޗުގައި އޭނާ ބޭނުންކޮށްފައި ވަނީ ގާތްގަނޑަކަށް 15 މިނެޓަށެވެ. 

ޖެރެމީ ޑޮކޫގެ ހުރަހަކުން ފޮޑެން ކާމިޔާބުކުރި މި ގޯލަކީ، މެންޗެސްޓަރ ޑާރބީގައި އޭނާ ކާމިޔާބުކުރި 7ވަނަ ގޯލެވެ. ޑާރބީ މެޗުތަކުގައި އޭނާއަށް ވުރެ ގިނައިން ދެން ގޯލު ކާމިޔާބުކޮށްފައި ވަނީ ސާރޖިއޯ އަގުއެރޯ އާއި ވޭން ރޫނީއެވެ. އެ ދެ ކުޅުންތެރިން ވެސް ކާމިޔާބުކޮށްފައި ވަނީ 8 ގޯލެވެ.

އަދި ރޭގެ މެޗުގައި ހާލަންޑު ކާމިޔާބުކުރި ދެ ގޯލާއެކު، އޭނާ ވެސް ވަނީ 8 ގޯލާއެކު އެ ދެ ކުޅުންތެރިންނާ ހަމަކޮށްފައެވެ.

ހާލަންޑުގެ ގޯލުތައް ފެނުނީ މެޗުގެ ދެވަނަ ހާފުގައެވެ. އަދި އޭނާގެ ފުރަތަމަ ގޯލަކީ ވެސް، ސިޓީގެ ފުރަތަމަ ގޯލުގައި ބޮޑު ޝާމިލުވުމެއް ފެނުނު ޑޮކޫގެ ޕާހަކުން ކާމިޔާބުކުރި ގޯލެކެވެ. 

ރޭގެ މެޗުގައި ސިޓީއާ އަލަށް ގުޅުނު އިޓަލީގެ ޖިއަންލޫޖީ ޑޮނަރުއްމާ ވަނީ ކުޅެން ނިކުމެފައެވެ. އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެންމެ ފާހަގަ ކޮށްލެވުނީ ބްރްޔަން ބުއެމޯ ހުއްޓުވުމަށް އޭނާ ކުރި މޮޅު ސޭވްއެވެ. 

މި ނަތީޖާއާކު ސިޓީ މިހާރު އޮތީ 6 ޕޮއިންޓާއެކު ލީގުގެ 8ވަނައިގައެވެ. އަދި 4 މެޗުން ލިބުނު 4 ޕޮއިންޓާއެކު ޔުނައިޑެޓު އޮތީ 14ވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން