ކުޅިވަރު
މި ސީޒަންގައި އެފްއޭއެމް އެވޯޑްސް އަލުން ތަޢާރަފްކުރާނެކަމަށް އިޢުލާންކޮށްފި

އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤު، ފޮޓޯ: އެފްއޭއެމް
ދޮޅު އަހަރުގެ މެދުކެނޑުމަކަށްފަހު މި ހަފްތާގައި ފަށާ ފުޓުބޯޅަ ސީޒަންގައި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެވޯޑްސް ދޭން ފަށާނެކަމަށް، އެ އެސޯސިއޭޝަންގެ ރައީސް އަޙުމަދު ޠާރިޤު އިޢުލާންކޮށްފިއެވެ.
ޠާރިޤު މިކަން އިޢުލާންކުރެއްވީ ފޭސްބުކްގައު ކުރެއްވި ޕޯސްޓެއްގައެވެ.
ޠާރިޤު ވިދާޅުވީ، އެފްއޭއެމް އެވޯޑްސް ދިނުމަށް ނިންމީ ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި އަދި ފުޓްބޯޅައިގެ ޙިދުމަތްތެރިންގެ އަގުވަޒަންކުރުމަށް ކަމުގައެވެ.
ކުޅިވަރުގެ ރޫހް އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި އަދި ފުޓްބޯޅައިގެ ޙިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަޤްސަދުގައި، ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން މިއަދުގައި ފަށާ ފުޓްބޯޅަ ސީޒަންގައި އެފްއޭއެމް އެވާޑްސް ދިނުމަށް އިޢުލާން ކުރަމެވެ.
ޠާރިޤުގެ މެސެޖުގައި ވެއެވެ.
އެފްއޭއެމް އެވޯޑްގައި މި އަހަރު އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ހޮވުމަށް ވެސް ވަނީ ނިންމާފައެވެ. މިއީ މި މަޤާމު ހޮވާ ފުރަތަމަ ފަހަރެވެ.
މި އަހަރުގެ ފުޓުބޯޅަ ސީޒަނުގައި އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ މަޤާމުތައް:
- އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (1، 2 އަދި 3)
- އެންމެ މޮޅު ފުޓްބޯޅަ ކޯޗު
- އެންމެ މޮޅު ފުޓްބޯޅަ ކުލަބު
- 21 އަހަރުން ދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ
- ރާއްޖޭއިން ބޭރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ
- ރަން ބޫޓް (އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ)
- ރަން އަންގި (އެންމެ މޮޅު ގޯލްކީޕަރު)
- އެންމެ މޮޅު ފުޓްބޯޅަ ރެފްރީ
- އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ
- އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ
- އެންމެ މޮޅު ގޯލު
ޠާރިޤުގެ މެސެޖުގައި އޭނާ ވަނީ މިއަދު ފަށާ ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައި ވާދަކުރާ ކުޅުންތެރިންނާއި، ކޯޗުންނާއި، ކުލަބުތަކާއި، މެޗްތަކުގައި އިންސާފުކުރާ ރެފްރީންނަށް ކާމިޔާބު އަދި ވާދަވެރި މުބާރާތްތަކަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ.
ދިވެހި ޕްރިމިއަރ ލީގު ފެށުމަށް ހަމަޖެހިފައި ވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެއެވެ. ފުރަތަމަ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އީގަލްސްއެވެ.