ދުނިޔެ

ޣައްޒާ ހުސްކޮށް އެބިން އަތުލެވުނަސް ޙަމާސް ބަލިނުކުރެވޭނެ: އިސްރާއިލް ސިފައިންގެ ވެރިޔާ

ޣައްޒާ ހުސްކޮށް އެބިން އަތުލެވުނަސް ޙަމާސް ބަލިނުކުރެވޭނެ: އިސްރާއިލް ސިފައިންގެ ވެރިޔާ

އިސްރާއިލް ސިފައިންގެ އެންމެ އިސްވެރިޔާ އެޔާލް ޒަމީރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2025، 10:33

15 ސެޕްޓެމްބަރު 2025، 10:33

ޣައްޒާ ހުސްކޮށް އެބިން އިސްރާއިލްގެ ބާރުގެ ދަށަށް ގެނަޔަސް ޙަމާސް ބަލިނުކުރެވޭނެ ކަމަށް އިސްރާއިލް ސިފައިންގެ އެންމެ އިސްވެރިޔާ އެޔާލް ޒަމީރު ބުނެފިއެވެ.

އިސްރާއީލީ ޗެނަލް 12 އިން ހާމަކޮށްފައިވާގޮތުން ޣަައްޒާ އަތުލެވުނަސް ޙަމާސް ސިޔާސީ ގޮތުންނާއި ޢަސްކަރީގޮތުން ބަލިނުކުރެވޭނެ ކަމަށެް ޒަމީރު ވަނީ ބުނެފައެވެ.

މި ބަޔާން އައިސްފައިވަނީ އިއްޔެ ބޭއްވުނު ސަލާމަތީ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ ޣައްޒާގައި ހިންގަން ރޭވިފައިވާ ބޮޑު ހަނގުރާމައިގެ ކުރިން، އަސީރުންގެ މައްސަލައާއި ހަނގުރާމައިގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ޒަމީރު ބުނެފައިވަނީ ޣައްޒާގެ މައްޗަށް ހިންގާ ހަނގުރާމައިގެ ލަނޑުދަނޑިތަކަށް އޭނާ ފުރިހަމައަށް ތާއީދުކުރާކަމަށެވެ. އެހެންނަމަވެސް، ޣައްޒާ ސިޓީ އަތުލުމަށްފަހުގައިވެސް ޙަމާސް ބަލިނުކުރެވޭނެ ކަމަށް އޭނާ ބުނެފައިވެއެވެ. ސިފައިންގެ އަންދާޒާތަކުން ދައްކާ ގޮތުގައި ޣައްޒާ ސިޓީ އަތުލުމަށް 6 މަސްދުވަހުގެ މުއްދަތެއް ނަގާނެއެވެ. އަދި އެ ސަރަހައްދު ފުރިހަމައަށް "ސާފުކުރުމަށް" މާ ދިގު މުއްދަތެއް ނަގާނެއެވެ.

މި ހާމަކުރުންތައް އައިސްފައިވަނީ އިސްރާއީލް ސިފައިން ޣައްޒާ ސިޓީގައި އެމީހުންގެ ހަރަކާތްތައް ފުޅާކުރަމުންދާ ދަނޑިވަޅެއްގައެވެ. ނަތަންޔާހޫގެ އިރުޝާދުގެ ދަށުން، ޣައްޒާގެ ހުރިހާ ސަރަހައްދުތަކެއް ވަނީ ފުޑުފުޑުކޮށްލެވިފައެވެ. މިކަމުގެ ސަބަބުން އަސީރުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ދެވޭ އިންޒާރުތަކަށް އެއްވެސް ސަމާލުކަމެއް ދެވިފައެއް ނުވެއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އެމެރިކާގެ އެހީތެރިކަމާއެކު އިސްރާއީލުން ވަނީ ޣައްޒާގައި ނަސްލީ މަރުގެ ހަނގުރާމައެއް ހިންގާފައެވެ. މި ހަނގުރާމައިގައި 64،871 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 164،610 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ގިނަ އަދަދެއްގެ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. މީގެ އިތުރުން ކާބޯތަކެތީގެ ތަދުމަޑުކަމުގެ ސަބަބުން 422 ފަލަސްތީނުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 145 ކުޑަކުދިން ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން