Ads by Stelco

ޚަބަރު

އާއިލާ މީހަކު ބަލަންޖެހޭ މީހަކު ދާއިމީ ބައްޔަކަށް ފަރުވާއެއް ހޯދާ ނަމަ، 30 ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް ޤަވާއިދު އިޞްލާޙް ކޮށްފި

އާއިލާ މީހަކު ބަލަންޖެހޭ މީހަކު ދާއިމީ ބައްޔަކަށް ފަރުވާއެއް ހޯދާ ނަމަ، 30 ދުވަހުގެ  ޗުއްޓީއެއް ލިބޭ ގޮތަށް ޤަވާއިދު އިޞްލާޙް ކޮށްފި

ގިނަ ޢަދަދެއްގެ ސިވިލް ސާވެންޓުން މަސައްކަތްކުރާ ވެލާނާގެ ކައިރީގައި ބަޔަކު ހުއްޓިގެެން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ސެޕްޓެމްބަރު 2025، 11:42

15 ސެޕްޓެމްބަރު 2025، 11:42

އާއިލާ މީހަކު ނުވަތަ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހަކު ދާއިމީ ބައްޔަކަށް ފަރުވާއެއް ހޯދާ ނަމަ، 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ޤަވާއިދު އިއްޔެ އިސްލާޙުކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ގެނައި 13 ވަނަ އިސްލާޙުގައި ވާގޮތުން، މުވައްޒަފެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއަކު، އެއްބަނޑުއެއްބަފާ މީހަކު، އެއްބަނޑު މީހަކު، އެއްބަފާ މީހަކު ނުވަތަ ޝަރުޢީ ގޮތުން ބަލަންޖެހިފައިވާ މީހަކަށް ދާއިމީ ބައްޔެއްގެ ސަބަބުން ފަރުވާ ހޯދަން ޖެހިއްޖެ ހާލަތެއްގައި އަސާސީ މުސާރަ ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ. މި ޗުއްޓީއަށް ކިޔަނީ "ޚާއްސަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ" އެވެ.

މި ޗުއްޓީ ހޯދުމަށް، އެ ބަލި މީހަކީ ދާއިމީ ނުވަތަ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހޭ މީހެއްކަން އަންގައިދޭ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހޭނެއެވެ. މި ސެޓްފިކެޓްގައި ބަލީގެ ވައްތަރާއި ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކުރަންޖެހޭނެއެވެ. އަދި މި ސެޓްފިކެޓަކީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ ނުވަތަ ރާއްޖެއިން ބޭރުގެ ރަޖިސްޓްރީކޮށްފައިވާ ޞިއްޙީ މަރުކަޒެއްގެ މެޑިކަލް ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ.

މީގެއިތުރުން، މި އިސްލާޙާއެކު މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭނެ ހާލަތްތަކާ ގުޅޭ މާއްދާއަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން، މުވައްޒަފަށް ދިމާވާ ޞިއްޙީ ހާލަތަކާ ގުޅިގެން އެ މުވައްޒަފަށް ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރުމަށް ނުކުޅެދިއްޖެނަމަ، އެކަން ބަޔާންކޮށް ސިއްހީ މަސައްކަތްތެރިއެއްގެ ލިޔުމެއް ހުށަހެޅުމުން އެ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭނެއެވެ.

ޚާއްސަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ ދޫކުރެވޭނީ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި، ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން