ޚަބަރު
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

އެމްޕީ ފަލާޙް/ފޮޓޯ: މަޖިލިސް
ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި އެ ވޯޓު ބާއްވަންޖެހޭނެ ގޮތަށް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެލި ބިލު ފާސްކޮށްފިއެވެ.
މި ބިލަކީ، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލެކެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ޢާންމުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގޭނީ ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާއި، ޤައުމީ މުހިންމު މައްސަލަތަކާއި، ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށެވެ. ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ޢާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން ޢާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މި ބިލު ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން، ބިލު ދިރާސާކޮށް، ކޮމެޓީން ނިންމި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެއްވުމަށްފަހުއެވެ. އެގޮތުން، މި ބަހުސް އަށް ފަހު، ބިލަށް ތާއިދުކޮށް ބިލު ފާސްކުރުމަށް 64 މެމްބަރުން ވަނީ ތަޅުމުގައި ވޯޓު ދެއްވާފައެވެ. އަދި ބިލާއި ދެކޮޅަށް 12 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ރައްޔިތުންގެ ވޯޓާއެކު ބަދަލުގެނެވޭނެ ޤާނޫނުއަސާސީގެ މާއްދާތައް:
- ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާތައް
- ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
- ރިޔާސަތުގެ ދައުރާ ގުޅޭ މާއްދާ
- ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތް
- ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމާ ގުޅޭ މާއްދާ
- ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާ
ރައްޔިތުންގެ ޢާންމު ވޯޓެއް ނެގުމަށް މަޖިލީހުން ޤަރާރެއް ފާސްކުރާ ޙާލަތުގައި ނުވަތަ ރައީސުލްޖުމްހުރިއްޔާގެ ޤަރާރަކުން ނިންމަވާ ހާލަތުގައި އެ ވޯޓު ނެގުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރާނެއެވެ. މަޖިލީހަށް، ރައްޔިތުންގެ ޚިޔާލު ހޯދުމަށް އާންމު ވޯޓެއް ނަގަން ޤަރާރެއް ފާސްކުރެވޭނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާ މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ކަންކަމުގައި، ޚިޔާލު ހޯދަން ހުށަހަޅުއްވާ ސުވާލާއި އެއްކޮޅަށް ހުރި ހުއްޖަތުތައް ބަޔާން ކުރާ ކަރުދާހެއް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެކުލަވައިލަންޖެހޭނެއެވެ.
މަޖިލީހުން ފާސްކުރާ ޤަރާރާއި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ޤަރާރު، އިލެކްޝަންސް ކޮމިޝަނުން އިންތިޚާބު ބާއްވާ ތާރީޚެއް އިއުލާންކުރުމުގެ ކުރިން އަނބުރާ ގެންދެވޭނެއެވެ. ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދަން ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަހުގެ މުއްދަތެއް އޮންނަންވާނެއެވެ. އަދި ގިނަވެގެން 90 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެއެވެ. މި ބިލުގައިވާގޮތުން، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުން ވޯޓު ނަގާ ދުވަހުގެ 14 ދުވަސް ކުރިން އިއުލާންކުރަންޖެހޭނެއެވެ.
މި އިންތިޚާބުތަކުގެ ޚަރަދުތައް ހަމަޖައްސާނީ މާލިއްޔަތު ޤާނޫނުގެ ދަށުން ދައުލަތުގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑުންކަމަށްވެސް މި ބިލުގައި ވަނީ ބަޔާންކޮށްފައެވެ.