ޚަބަރު
ސީއެސްސީގެ ރައީސަކަށް މުޖުތާޒް، ނައިބަކަށް ނާސިޙް ޢައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

ސީއެސްސީގެ ރައީސަކަށް މުޖުތާޒް, ނައިބަކަށް ނާސިޙް އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފި--
ސިވިލް ސާވިސް ކޮމިޝަން، ސީއެސްސީގެ ރައީސްގެ މަޤާމަށް އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި އަލްއުސްތާޛް މުޙައްމަދު މުޖުތާޒް، އަދި ނައިބު ރައީސްކަމަށް ކޮމިޝަަނުގެ މެންބަރު މުޙައްމަދު ނާސިޙު ޢައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
އެ ދެ މަޤާމަށް މުޖްތާޒު އާއި ނާސިޙު ޢައްޔަންކުރުމަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވާފައިވަނީ މިއަދެވެ. އަދި ކޮމިޓީން އެ ނަންތައް ފާސްކުރުމަށް ފަހުގައި މިއަދު ވަނީ ވޯޓަށް އަހައިފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި މައްސަލަ ދިރާސާ ކުރުމަށްފަހު ނިންމެވީ، ދެ ބޭފުޅުން ވެސް މަޤާމުތަކަށް ޝަރުތުހަމަވާ ކަމަށް ފެންނަ ކަމަށެވެ. އެހެންކަމުން، މަޖިލީހުން ވެސް ވަނީ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އެގޮތުން ސީއެސްސީގެ ރައީސަކަށް މުޖުތާޒް އައްޔަން ކުރެއްވުމަށް ފާސްވީ މަޖިލީހުގެ ތަޅުމުގައި 68 މެންބަރުން ދެއްވި ވޯޓުންނެވެ. އަދި ނައިބު ރައީސަކަށް ނާސިޙް އައްޔަން ކުރެއްވުމަށް ފާސްވީ 64 މެންބަރުންގެ ވޯޓުންނެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސްގެ މަޤާމު ހުސްވެފައި ވަނީ، އެ މަޤާމުތަކުގައި ތިބި މެންބަރުންގެ މަޤާމުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. ސީއެސްސީގެ ނައިބު ރައީސްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ނިންމެވި ނާސިޙު މީގެ ކުރިން ހުންނެވީ ސީއެސްސީގެ ރައީސްގެ މަޤާމުގައެވެ. ނަމަވެސް، މަޤާމުގެ މުއްދަތު ހަމަވުމުން ރައީސް ވަނީ ކޮމިޝަނަށް އޭނާ އަލުން އައްޔަން ކުރައްވާފައެވެ.
ސިވިލް ސާވިސްގެ ޤާނޫނުގައިވާ ގޮތުން، އެ ކޮމިޝަނަށް ކުރިމަތިލާން ހުޅުވާލުމާއި، ކުރިމަތިލާ ފަރާތްތަކުން އިންޓަވިއުކޮށް ޢައްޔަންކުރަން ކަނޑައަޅައި މީހުނަށް ރުހުން ދިނުމާއި، ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ.