ދީން

ސަކީނާ އަލްޝިހާބީ: ޢިލްމަށް ޚިދުމަތްކުރުމުގައި މުސްލިމު އަންހެނުންނަށް ލާމަޘީލު ނަމޫނާއެއް!

ސަކީނާ އަލްޝިހާބީ: ޢިލްމަށް ޚިދުމަތްކުރުމުގައި މުސްލިމު އަންހެނުންނަށް ލާމަޘީލު ނަމޫނާއެއް!

ސަކީނާ އަލްޝިހާބީ.

15 ސެޕްޓެމްބަރު 2025، 03:09

އިސްލާމް ދީނަށް ޚިދުމަތްކުރުމަކީ، މުސްލިމު ފިރިހެނަކު ވިޔަސް، އަންހެނަކު ވިޔަސް، އެ މީހެއްގެ ކުޅަދާނަކަމާ އެކަށޭނަ މިންވަރަކަށް، ޝަރުޢީ އިންތަކުގެ ތެރެއިން، އަދާކުރަން ޖެހޭ ޒިންމާއެކެވެ. މި ލިޔުމުގައި ތިޔަ ކިޔުންތެރީންނާ ހަމައަށް މި ގެނެސްދޭ ވާހަކައަކީ، ފަހުގެ ތާރީޚުގައި އިސްލާމީ ދުނިޔެ ނުދެކޭ ފަދަ އަންހެން ޝަޚުޞިއްޔަތެއްގެ ވާހަކައެވެ. އިސްލާމީ ތާރީޚާއި ތަރިކަ ދިރާސާކުރެއްވި ކަނބަލެކެވެ. އިސްލާމީ ފޮތްތައް ޝާއިޢުކުރެއްވި މުޙައްޤިޤާއެކެވެ. އެތައް މަޤާލެއް ލިޔުއްވާފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ. މިއީ، ސަކީނާ އަލްޝިހާބީ، އިސްލާމީ ޢިލްމުތައް ކުރިއަރުއްވަން ކޮށްދެއްވި އަގުހުރި މަސައްކަތުގެ ފަޚުރުވެރި ޛިކުރާއެވެ. އެ ކަމަނާ އަކީ، އިބުނު ޢަސާކިރް ލިޔުއްވި "ތާރީޚް ދިމަޝްޤް" އެވެ ކިޔުނު ފޮތް ތަޙުޤީޤުކޮށް ޝާއިޢުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ކަނބަލެކެވެ. އެ ކަމަނާ އެ ފޮތުގެ 40 ވޮލިޔުމް ތަޙުޤީޤުކުރެއްވިއެވެ.

ސަކީނާގެ ޙަޔާތުގެ ވާހަކަ

ސަކީނާ އަލްޝިހާބީ ދުނިޔޭގެ އަލިކަން ދެކިލެއްވީ، ސޫރިޔާގެ ޙަލަބުގައި ހުންނަ މަދީނަތުލްބާބުގައި، ހިޖުރައިން 1352 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 21 ވީ ހޮނިހިރު ދުވަހުއެވެ. އެއީ މީލާދީ ގޮތުން ބަލާ ނަމަ، 12 އޯގަސްޓު 1933 އެވެ. އެ ކަމަނާގެ ޢުމުރުފުޅުން އެންމެ 5 އަހަރުގައި، ބައްޕާފުޅު ނިޔާވިއެވެ. ބައްޕާފުޅަކީ، ނަޤްޝަބަންދީ ތަޞައްވުފަށް ނިސްބަތްވެލައްވާ، ޢިލްމުވެރި، ޅެންވެރި، ޞާލިޙު ބޭކަލެކެވެ. ކަން މިހެން އޮތް ނަމަވެސް، ސަކީނާގެ ބައްޕާފުޅު މި ދުނިޔެއަށް އަލްވަދާޢު ކިޔުއްވިއިރު، ސަކީނާއާއި އެ ކަމަނާގެ ޢާއިލާއަށް ބައްޕަ އެއްވެސް މުދަލެއް ދޫކުރައްވާފައި ނުވެއެވެ. ވީމާ، ސަކީނާ ބޮޑުފުޅު ވަމުން އައީ، ފަޤީރު ޙާލުގައި، ޔަތީމެއްގެ ގޮތުގައެވެ.

ސަކީނާގެ ޢާއިލާގެ މާލީ ޙާލަތު ހުރި ގޮތާއި، އެ ނޫން ވެސް ސަބަބުތަކާ ހުރެ، ސަކީނާ ދުވަހަކު ވެސް މަދަރުސާއިން ތަޢުލީމު ޙާޞިލު ނުކުރައްވައެވެ. ނަމަވެސް އެ ކަމަނާ ކުޑަފުޅު އިރުގައި ވެސް ޢިލްމަށް ލޯބިކުރެއްވީތީ، އަމިއްލަ ގޭގައި ޢިލްމު ހޯއްދަވަން ފެށްޓެވިއެވެ. މި ގޮތުން، ސަކީނާގެ ދައްތަމެންގެ މަދަދާއެކު، ގޭގައި އިންނަވައި، ކީރިތި ޤުރުއާން ތަޖުވީދު މަގަށް ތިލާވަތު ކުރައްވަން ދަސްކުރެއްވިއެވެ. އަދި ލިޔަން ކިޔަން މެ ދަސްކުރެއްވިއެވެ. ލިޔަން ކިޔަން ދަނެލެއްވި ޙިސާބުން، އެކިއެކި ނޫސްތަކާއި، މަޖައްލާތަކާއި، ލިޔުންތަކުގެ ޛަރީޢާއިން ޢިލްމާއި ހުނަރު ތަރައްޤީކުރެއްވިއެވެ.

އިސްވެ ދެންނެވުނު ގޮތުގައި ދުވަސްތައް ވޭތުވަމުން ދިޔަ އިރު، ސަކީނާގެ ޢިލްމީ ޤާބިލުކަމުގެ ވިދުވަރު އެ ކަމަނާގެ ވަށައިގެންވީ މީހުންނަށް ފާހަގަވިއެވެ. ވީމާ، އިބްތިދާއީ މަދަރުސާގެ އިމްތިޙާނުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް އެ ފަރާތްތަކުން ހިތްވަރު ދިނެވެ. އެ އިމްތިޙާނުގައި ސަކީނާ ހޯއްދެވި ރަނގަޅު ނަތީޖާއަށް ފަހު، ޘާނަވީއަށް ތައްޔާރުކުރާ އިމްތިޙާނެއް ހެއްދެވިއެވެ. އެއަށް ފަހު، އަމިއްލަ ގޮތުގައި ޘާނަވީ އިމްތިޙާނުތަކުގައި ބައިވެރިވެލައްވައި، ކުލަގަދަ ނަތީޖާއެއް ޙާޞިލުކުރެއްވިއެވެ. މިއީ ސަކީނާގެ އަމިއްލަފުޅު މަސައްކަތުން، އެއްވެސް މަދަރުސާއަކަށް ނުދުރުވެ، ހޯއްދަވާފައިވާ ފަޚުރުވެރި ކާމިޔާބެކެވެ.

ޘާނަވީގައި ސަކީނާ ހޯއްދެވި ކާމިޔާބާ ވިދިގެން، ސަކީނާއާއި އެ ކަމަނާގެ އުޚުތު، ސޫރިޔާގެ ވެރިރަށް ދިމަޝްޤަށް ހިޖުރަކުރެއްވިއެވެ. އެ ތަނުގައި، ދިމަޝްޤު ޔުނިވަރސިޓީގެ އަދައްބިއްޔާތުގެ ކުއްލިއްޔާގައި ދެ ބެއިންގެ ޢީލްމީ އުދަރެސް ފުޅާކުރައްވަން ތިއްބެވިއެވެ. އެއަށް ފަހު، 1962 ވަނަ އަހަރު ސަކީނާ އެ ޔުނިވަރސިޓީން ބެޗެލަރސް ސަނަދު ޙާޞިލުކުރެއްވިއެވެ. މިއާ އެކު އެކަމަނާ ވެގެން ދިޔައީ، ޙަލަބުގެ މަދީނަތުލްބާބަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ޔުނިވަރސިޓީ ސަނަދު ޙާޞިލުކުރެއްވި ފުރަތަމަ އަންހެން ދަރިވަރަށެވެ. މިއީ މަދީނަތުލްބާބު ސަރަޙައްދުގެ އަހުލުވެރީންނަށް ލިބުނު ޚާއްޞަ ފަޚުރެއް ކަން ޔަޤީނެވެ.

ސަކީނާ ޔުނިވަރސިޓީން ދަސްވެނިވެލެއްވުމަށް ފަހު، ސޫރިޔާގެ އޭރުގެ ތަރުބިޔަތާ ބެހޭ ވުޒާރާއިން އިޢުލާނުކުރި މުދައްރިސުން ހޯދުމުގެ ފުރުޞަތެއްގައި ކުރިމަތިލެއްވިއެވެ. އެ ކަމަށް ކުރިމަތިލި އެންމެހައި ފަރާތްތަކުގެ ތެރެއިން އެއްވަނަ ދަރަޖަ ލިބިލެއްވީ ސަކީނާއަށެވެ. އެއާ އެކު، ޢަރަބި ބަހާއި އަދަބިއްޔާތު އުނގަންނަވައިދެއްވުމުގައި ސަކީނާ 10 އަހަރު ހޭދަކުރެއްވިއެވެ. 1966 ވަނަ އަހަރާ ހަމައަށް ސަކީނާ މަސައްކަތް ކުރެއްވީ ޙަލަބުގެ ޘާނަވީ މަދަރުސާތަކުގެ މުދައްރިސާއެއްގެ ގޮތުގައެވެ. އެ އަހަރަށް ފަހު، އެ ކަމަނާ ދިމަޝްޤަށް އެނބުރި ދުރުވެ، ދިމަޝްޤުގެ ގިނަގުނަ މަދަރުސާތަކެއްގެ ޕްރިންސިޕަލްކަން އަދާކުރެއްވިއެވެ. މި މަސައްކަތަތައް ކުރެއްވުމާ އެކު، "އަލްއަދީބް" ނަމަކަށް ކިޔާ މަޖައްލާއެއްގައި ޢަރަބި ބަހާއި ތާރީޚާ ބެހޭ ލިޔުންތައް ޝާއިޢުކުރައްވަމުން ގެންދެވިއެވެ.

ސަކީނާގެ ތަޙުޤީޤީ މަސައްކަތްތައް

1973 ވަނަ އަހަރު، ދިމަޝްޤުގެ ޢަރަބި ބަހުގެ އެކެޑަމީގެ އަމީންޢާންމު، ޑރ. ޝުކްރީ ފައިޞަލް، ވަރަށް ޚާއްޞަ ދާއިރާއަކަށް ސަކީނާ އިޚުތިޔާރުކުރެއްވިއެވެ. އެއީ، ދިރާސާކުރުމާއި، ތަރިކަ ތަޙުޤީޤުކުރުމުގެ ދާއިރާއެވެ. މިއީ ސަކީނާގެ އަގުހުރި ޚިދުމަތްތަކުގެ ފެށުން ކަމުގައި ދެންނެވިދާނެއެވެ. ސަކީނާގެ މަންމާފުޅު އެ އަހަރުގައި ނިޔާވި ނަމަވެސް، ސަކީނާއާ ޙަވާލުކުރެވުނު ތަޙުޤީޤީ މަސައްކަތްތައް ފުރިހަމަ ކުރެއްވުމުގައި އެ ކަމަނާ ފަސްޖެހިނުލެއްވިއެވެ. ސަކީނާގެ މަންމަ ނިޔާވުމަކީ، އެ ކަމަނާގެ ޙަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ޙާދިޘާއެވެ. ނަމަވެސް، ސަކީނާގެ ކާމިޔާބީއަށް އެ ކަމުން އެއްވެސް ހުރަހެއް ކުރިމަތިވިޔަ ނުދެއްވިއެވެ. ތާރީޚީ މެނިސްކިރިތުތަކާއި ލިޔުންތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ސަކީނާ ފެށްޓެވީ މި މަރުޙަލާގެ ތެރެއިންނެވެ. މި ދުވަސްވަރު ސަކީނާ ކުރެއްވި އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކަކީ، ދިމަޝްޤުގެ "މަޖްމަޢުއްލުޣަތުލްޢަރަބިއްޔާ"ގެ މަޖައްލާއާއި، "މަޖައްލަތުއްތުރާޘިލްޢަރަބީ" ކިޔުނު މަޖައްލާގައި އެ ކަމަނާ ޝާއިޢުކުރެއްވި މަޢުލޫމާތުތަކެވެ. މި ހުރިހައި މަޖައްލާއަކަށް ލިޔުއްވި އިރު ވެސް، އިހު ދެންނެވި "އަލްއަދީބް" މަޖައްލާ އަށް ލިޔުއްވަމުން ގެންދެވިއެވެ.

"ތާރީޚް ދިމަޝްޤް" ތަޙުޤީޤުކުރެއްވުން

"ތާރީޚް ދިމަޝްޤް"އަކީ، "ޙާފިޡުއްދުންޔާ"ގެ ލަޤަބު ލިބިލެއްވި މަޝްހޫރު އިސްލާމީ ޢިލްމިވެރިޔާ، އިބުނު ޢަސާކިރް ލިޔުއްވާފައިވާ ތާރީޚު ފޮތެކެވެ. މިއީ އިސްލާމީ ތާރީޚުގެ ދާއިރާއިން ލިޔެވިފައިވާ އެންމެ ބޮޑު، ބިޔަ ފޮތްތަކުގެ ތެރޭގައި ހިމެނިގެންވާ ފޮތެކެވެ. މި ފޮތް މެނިސްކިރިތު ޙާލަތުން ޕްރިންޓްކުރެވިފައިވާ ފޮތެއްގެ ޞިފައިގައި ނެރުމަށް، ޚާއްޞަ ލަޖުނާއެއް މަޖްމަޢުއްލުޣަތުލްޢަރަބިއްޔާއިން އެކުލަވާލިއެވެ. މި ލަޖުނާގެ މެންބަރެއްގެ ގޮތުގައި ސަކީނާ އިޚުތިޔާރުކުރެވުނެވެ. ޑރ. ޝުކްރީ ފައިޞަލްގެ ބެއްލެވުމުގެ ދަށުން ޖުމުލަ 6 މެންބަރުންނާއެކު ކުރިއަށް ދިޔަ މި ލަޖުނާގައި، ސަކީނާ ހިމެނޭހެން 2 އަންހެން މެންބަރުން ބައިވެރިވިއެވެ. 

ތާރީޚް ދިމަޝްޤް ތަޙުޤީޤުކުރަން އެކުލަވާލެވުނު މި ލަޖުނާގައި ސަކީނާ ފުރަތަމަ މަސައްކަތް ފެށްޓެވީ، ލަޖުނާގެ ރައީސް ޑރ. ޝުކްރީއާ އެކުގައެވެ. ޝުކްރީއާ އެކު ސަކީނާ އެ ފޮތުގެ 3 ވޮލިޔުމެއް ތަޙުޤީޤުކުރެއްވިއެވެ. އެއަށް ފަހު، ފޮތުގެ އެހެން ބައިތައް ތަޙުޤީޤުކުރެއްވުން އަމިއްލަފުޅަށް ކުރިއަށް ގެންދެވިއެވެ. ދުވާލު އެކެޑަމީގައި، އަދި ރޭގަނޑު ގެކޮޅުގައި، ސަކީނާ މަސައްކަތް ކުރައްވަމުނެ ގެންދެވިއެވެ. މި މަސައްކަތުގައި ވަޤުތުތައް ވޭތުވަމުން ދިޔުމާ އެކު، ތާރީޚް ދިމަޝްޤްއަށް ސަކީނާ ވަރަށް ބޮޑަށް ލޯބިފުޅުވިއެވެ. އިބުނު ޢަސާކިރް އެ ފޮތުގައި ގެންގުޅުއްވާފައި ހުރި އުސްލޫބާއި، އެ ފޮތުގެ ރިވާޔަތްތަކާއި، މަޞްދަރުތަކާއި، މެނިސްކިރިތުތަކާއި، މިކަންކަމާ މެދު ސަކީނާއަށް ވުރެ މޮޅަށް ޢިލްމު ލިބިގެން ހުރި އެއްވެސް ފަރާތެއް ނެތެވެ. ސަކީނާ އިބުނު ޢަސާކިރްގެ މި ފޮތަށް ލޯބިކުރެއްވި ވަރުން، އެ ކަމަނާ ކައިވެނި ކުރައްވާފައި ނުވެއެވެ. އެކަމުގެ ސަބަބާ މެދު ސުވާލުވެވުމުން ސަކީނާ ބުނުއްވީ، އޭނާގެ އުންމީދަކީ ސުވަރުގޭގައި އިމާމް އިބުނު ޢަސާކިރްގެ އަނބިކަނބަލަކަށް ވުން ކަމުގައެވެ.

ތާރީޚް ދިމަޝްޤް ތަޙުޤީޤުކުރުމަށް އެކުލަވާލި ލަޖުނާގައި ހުރިހައި މެންބަރުން ވެސް މަސައްކަތްކުރަމުން ދިޔައެވެ. އެކި މެންބަރުން ފޮތުގެ އެކި ބައިބައި ތަޙުޤީޤުކުރައްވަމުން ގެންދެވިއެވެ. ނަމަވެސް، މި މަސައްކަތުގެ ބޮޑު ބައެއް އަދާކުރެއްވީ ސަކީނާ ކަން ފާހަގަކޮށްލެވެއެވެ. މިގޮތުން، އެ ކަމަނާ ވަނީ ތާރީޚް ދިމަޝްޤްގެ 40 ވޮލިޔުމް ތަޙުޤީޤުކުރައްވާފައެވެ. 40 ވޮލިޔުމެވެ. 40 ވޮލިޔުމެވެ. މިއީ ލިޔުމުގައި އެންމެ ދެ ޙިސާބު އަކުރު ބޭނުންކޮށްގެން ލިޔެލެވޭ ޢަދަދެއް ނަމަވެސް، މި ކަމަށް ބަލާ އިރު ފިސަހަރި ބޮޑު ޢަދަދެކެވެ. އަޅުގަނޑު ތާރީޚް ދިމަޝްޤްގެ ވޮލިޔުމްތަކަށް ނަޡަރު ހިންގާލި އިރު، ކޮންމެ ވޮލިޔުމެއްގައި 400 ވަރަކަށް ޞަފުޙާ ހުއްޓެވެ. ވީމާ، ސަކީނާ 40 ވޮލިޔުމް ތަޙުޤީޤުކުރެއްވިއްޔާ، އެއީ ގާތްގަނޑަކަށް 16،000 (ސޯޅަ ހާސް) ޞަފުޙާއަށް ވުރެ އިތުރު މިންވަރެކެވެ. ސަކީނާ ތަޙުޤީޤުކުރެއްވި 40 ވޮލިޔުމަކީ މުޅި ތާރީޚް ދިމަޝްޤް ފޮތުގެ ދެބައި ކުޅަ އެއްބައެވެ. ސަބަބަކީ، މުޅި ފޮތުގެ ބޮޑުމިނުގައި ޖުމުލަ 80 ވޮލިޔުމް ހުރެއެވެ. އިހު ވެސް ނަންގަތް ފަދައިން، ތާރީޚް ދިމަޝްޤަކީ އިސްލާމީ ތާރީޚުގައި ލިޔެވުނު ބިޔަ ފޮތްތަކުގެ ތެރެއިން ފޮތެކެވެ. ވީމާ، މި ފޮތް ޗާޕުކުރުމުގެ މަރުޙަލާއަށް ވާޞިލުކޮށްދެއްވުމަށް ސަކީނާ ކުރެއްވި މަސައްކަތަކީ ވަރަށް އަގުހުރި، ބުރަ މަސައްކަތެކެވެ.

ސަކީނާ އަލްޝިހާބީ: ޢިލްމަށް ޚިދުމަތްކުރުމުގައި މުސްލިމު އަންހެނުންނަށް ލާމަޘީލު ނަމޫނާއެއް!

އަށްޑިހަ ވޮލިޔުމްގައި ޗާޕުކޮށްފައިވާ "ތާރީޚް ދިމަޝްޤް"


 އެހެނިހެން ޚިދުމަތްތައް

ތާރީޚް ދިމަޝްޤްއާ ޙިސާބުން ސަކީނާގެ މަސައްކަތްތަކެއް ނުހުއްޓެއެވެ. އެ ކަމަނާ އިތުރު އެހެން ފޮތްތައް ވެސް ތަޙުޤީޤުކުރެއްވިއެވެ. މި ފޮތްތަކުގެ ތެރޭގައި، އަލްޚަޠީބުލްބަޣްދާދީ ލިޔުއްވި "ތަލްޚީޞުލްމުތަޝާބިހް"އާއި، އިބުނު ޢަސާކިރް ލިޔުއްވި "އަލްމުޢްޖަމުލްމުޝްތަމިލް" ހިމެނެއެވެ. އަދި އިބުނު މަންޡޫރް ލިޔުއްވި ތާރީޚު ދިމަޝްޤްގެ ޚުލާޞާ ފޮތުގެ ބައެއް ވޮލިޔުމްތައް ވެސް ސަކީނާ ތަޙުޤީޤުކުރެއްވިއެވެ. ސަކީނާ އެކިއެކި ފޮތްތައް ތަޙުޤީޤުކުރެއްވި ނަމަވެސް، އެ ކަމަނާގެ އެންމެ ވަރުގަދަ މަޝްރޫޢަކީ ތާރީޚް ދިމަޝްޤް ކަމާ މެދު ޝައްކެއް ވެސް ނެތެވެ. އެ ކަމަނާ އެ ފޮތުގެ މުޚްތަޞަރުގެ ތަޙްޤީޤުގައި ބައިވެރިވެލެއްވުމުން ވެސް، އެ ކަމަނާގެ ހިތްކޮޅުގައި އެ ފޮތަށް އޮތް ލޯބި ދޭހަވެއެވެ.

ތަޙުޤީޤީ މަސައްކަތްތަކުގެ އިތުރުން، އިސްލާމީ އެތަކެއް ޝަޚުޞިއްޔަތުތަކަކާއި، އެކިއެކި އިސްލާމީ، ތާރީޚީ، އަދި އަދަބީ މައުޟޫޢުތަކާ ބެހޭ ގޮތުން ސަކީނާ ވަނީ ގިނަގުނަ މަޤާލުތަކެއް ލިޔުއްވާފައެވެ. މި ފަދަ 20 ވަރަކަށް މަޤާލު ތަފާތު މަޖައްލާތަކުގައި މިއަދު ވެސް ފެންނަން އެބަ ހުއްޓެވެ. 

ސަކީނާ އަލްޝިހާބީ ފާހަގަކޮށްލެވެނީ އިސްލާމީ ތަރިކަ ދިރާސާކުރުމާއި، ދިރުވުމާއި، ތަޙުޤީޤުކުރުމުގެ ދާއިރާގައި ފައިތިލަ ޘާބިތުކުރެއްވި ފުރަތަމަ އަންހެން ކަނބަލުގެ ގޮތުގައެވެ. ލިޔުންތަކަށް ޚިދުމަތް ކުރެއްވުމުގައި އަންހެނުންގެ ތެރެއިން އެންމެ އިސް ޞަފުގައި ހުންނެވި ކަނބަލުގެ ގޮތުގައެވެ.

ސަކީނާ ދުނިޔެއަށް އަލްވަދާޢު ކިޔުއްވުން

ސަކީނާ އަލްޝިހާބީ އިސްލާމް ދީނަށް ކޮށްދެވި ޚިދުމަތްތަކަށް ފަހު، ޙައްޖުވުމަށް މައްކާއަށް ދުރުވިއެވެ. ޙައްޖުން އެނބުރި ދުރުވެ، މާ ދިގު މުއްދަތެއް ވޭތު ނުވަނީސް ނިޔާވިއެވެ. އެ ކަމަނާ މިދުނިޔެއަށް އަލްވަދާޢު ކިޔުއްވީ، 18 ޖުމާދަލްއާޚިރާ 1427 ވީ ހުކުރު ދުވަހުއެވެ. މީލާދީ ގޮތުން އެއީ 14 ޖުލައި 2006 އެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި އިރު އެ ކަމަނާގެ ޢުމުރުފުޅުން 75 އަހަރު ފުރިފައިވިއެވެ. މާތް ﷲ ސަކީނާ އަލްޝިހާބީއަށް ޖަންނަތުލްފިރްދައުސްގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވާ، އެ ކަލާނގެ ދީނަށްޓަކައި އެ ކަމަނާ ކޮށްދެއްވި ޚިދުމަތްތަކުގެ ހެޔޮ ޖަޒާ މިންވަރުކުރައްވާ، ސުވަރުގޭގައި އިބުނު ޢަސާކިރްގެ އަނބިކަނބަލެއް ކަމުގައި ލައްވާށިއެވެ.

ޢިބުރަތްތައް

ސަކީނާގެ ޙަޔާތުން އަޅުގަނޑުމެންނަށް ދޭހަވަނީ، އަންހެނުންނަކީ ވެސް އިސްލާމް ދީނަށް މުހިންމު މަސައްކަތްތަކެއް ކޮށްދެވިދާނެ ބައެއް ކަމެވެ. ކިތަންމެ ފަޤީރު ނިކަމެތި ޙާލުގައި ވިޔަސް، ޢިލްމު ހޯދުމުގެ މުހިންމުކަން ވެސް، ސަކީނާގެ ޙަޔާތުން އަޅުގަނޑުމެންނަށް ދަސްވެގެން ދެއެވެ. ކުރިމަތިވާ މުޞީބާތްތަކުގައި ކެތްތެރިވެ، މާތް ﷲގެ މިންވަރުފުޅަށް ރުހިގެން، އެކަލާނގެ ދީނަށް ޚިދުމަތްކުރެއްވުމުގައި ސަކީނާ ދެއްކެވީ ލާމަޘީލު ނަމޫނާއެކެވެ. ސަކީނާގެ ޙަޔާތުން ޢިބުރަތް ޙާޞިލުކުރަން ޖެހެނީ ހަމައެކަނި އަންހެން ކިޔުންތެރީންނެއް ނޫނެވެ. ސަކީނާގެ ހިތްވަރުގަދަ މަސައްކަތުން އިލްހާމް ލިބިގަނެ، އިސްލާމީ އުންމަތް ފަޚުރުވެރިވާ ފަދަ ޚިދުމަތްތައް ކުރުމަށް ފިރިހެނުން ވެސް ސަކީނާގެ ޙަޔާތުން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. މި ވާހަކައަކީ ތިޔަ ކިޔުންތެރީންނަށް ކަމުދިޔަ، ޢިބުރަތްތެރި ވާހަކައެއް ކަމަށް އުންމީދުކުރަމެވެ.

މި ލިޔުން ކިޔާލުމުން