ޚަބަރު
މާދަމާވެސް ދައުރުން ބޭރު ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މާދަމާވެސް ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން މިކަން އިއުލާނު ކުރައްވަމުން ވިދާޅުވެފައިވަނީ މަޖިލީހުގެ ޤަވާއިދުގެ 45 ވަނަ މާއްދާގެ ދަށުން ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ދިނުމަށް ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ނިންމައި، މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދުވެސް ދައުރުން ބޭރުން ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ.
މި ޖަލްސާތަކުގައި އެޗްއާރުސީއެމްގެ ނައިބު ރައީސާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.
މީގެ އިތުރުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ އާންމު ވޯޓުނެގުމާ ގުޅޭ ބިލުވެސް ވަނީ ފާސްކޮށްފައެވެ. އެހެންނަމަވެސް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ އެޖެންޑާ އަދި ވަނީ ހާމަނުކުރައްވައެވެ.
މަޖިލީހުގެ މިއަހަރުގެ ތިންވަނަ އަދި އެންމެ ފަހު ދައުރުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގައެވެ. އެ ދައުރު ނިމުމަކަށް އަންނާނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.