ދުނިޔެ
ޤަތަރަށް އިޒްރޭލުން ދިން ހަމަލާއަށް ނުފޫޒުގަދަ ރައްދެއް ދިނުމަށް އަރަބި އިސްލާމީ ގައުމުތަކުން އެއްވެއްޖެ

އަރަބި އަދި އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް
ޤަތަރުގެ ވެރިރަށް ދޯހާގައި އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން، އެކަމަށް ނުފޫޒުގަދަ ރައްދެއް ދިނުމަށްޓަކައި އަރަބި އަދި އިސްލާމީ ގައުމުތަކުގެ އިސްވެރިން ދޯހާއަށް އެއްވެއްޖެއެވެ. އަރަބި ލީގާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ކުއްލި ސަމިޓް، ހޯމަ ދުވަހު ފެށުނުއިރު، އިޒްރޭލާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމުގެ ގަރާރެއް އެކުލަވާލުމަށްޓަކައި ބައިވެރި ގައުމުތަކުގެ ޚާރިޖީ ވަޒީރުން އާދީއްތަ ދުވަހު ވަނީ ބައްދަލުކުރައްވާފައެވެ.
މިދިޔަ އަންގާރަ ދުވަހު އިޒްރޭލުން ދޯހާގައި ދިން ހަމަލާއަށްފަހު މުޅި ސަރަހައްދުގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފައެވެ. މި ހަމަލާގައި ޙަމާސްގެ ފަސް މެންބަރުންނާއި، ޤަތަރުގެ ސަލާމަތީ އޮފިސަރެއް ވަނީ މަރުވެފައެވެ. އެވަގުތު ދޯހާގައި ޣައްޒާގައި ދެ އަހަރުވަންދެން ހިނގަމުންދާ އިޒްރޭލުގެ ނަސްލު ނައްތާލުމުގެ ހަނގުރާމަ ނިންމުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމާ މެދު މަޝްވަރާކުރުމަށް ޙަމާސްގެ ޓީމެއް ދިޔައެވެ.
އާދީއްތަ ދުވަހު ބޭއްވުނު ޖަލްސާގައި ޤަތަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އަލް ޘާނީ ވަނީ އިޒްރޭލުގެ މި ހަމަލާ ކުށްވެރިކުރައްވާ، ޤަތަރުގެ ސަރަހައްދީ ސިޔާދަތު ރައްކާތެރިކުރުމަށް ފިޔަވަޅު އެޅުމަށް ސަރަހައްދީ އެހީތެރިކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. ބޮޑުވަޒީރު ވިދާޅުވީ "އިޒްރޭލުގެ މި ލާއިންސާނީ ހަމަލާ ކުށްވެރިކުރި އެކުވެރި އަރަބި އަދި އިސްލާމީ ގައުމުތަކާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެކުވެރި ގައުމުތަކުގެ އެއްބައިވަންތަކަން އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލައިގަންނަމެވެ." އަދި "އަޅުގަނޑުމެންގެ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށް ޤާނޫނީ ފިޔަވަޅުތައް އަޅަން ގަސްދުކުރާ" ކަމަށް ވެސް މުޙައްމަދު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤް ދާރް ވަނީ މި ހާލަތާ ކުރިމަތިލުމަށް "ސާފު މަގުޗާޓެއް" އެކުލަވާލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަލްޖަޒީރާގެ އުސާމާ ބިން ޖާވިދުއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ ދުނިޔޭގެ މުސްލިމުން "މި ސަމިޓަށް ބަލަހައްޓައިގެން ތިބޭނެ، އެއިން ނުކުންނަ ނަތީޖާއަށް އިންތިޒާރު ކުރާނެ" ކަމަށެވެ. ދޯހާގައި އިޒްރޭލުން ހަމަލާ ދިންތާ ދެ ދުވަސް ފަހުން، ޕާކިސްތާނުގެ ދިފާއީ ވަޒީރު މުޙައްމަދު އާސިފް ވަނީ އިޒްރޭލާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށާއި، ޣައްޒާ ހަނގުރާމައިގެ އަސަރު ނުކުރާނެ ކަމަށް އެއްވެސް ގައުމަކުން ނުހިތުމަށް އިންޒާރު ދެއްވާފައެވެ.
އިސްޙާޤް ދާރް ވަނީ ބިން ޖާވިދުއާ ވާހަކަ ދައްކަވަމުން، އ.ދ. ސަލާމަތީ މަޖިލީހުގެ މަޝްވަރާތަކުން ނަތީޖާއެއް ނުނެރުނުކަން ފާހަގަކުރައްވާ އެކަމަށް ފާޑުވިދާޅުވެފައެވެ. އަމަލީ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ސުވާލުކުރެއްވުމުން އޭނާ ވިދާޅުވީ، "އަޅުގަނޑު ހީކުރާ ގޮތުގައި އެބޭފުޅުން (އަރަބި ގައުމުތަކުން) މިހާރު ވެސް މިކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައި އެބަހުރި. މިއީ އެއްބައިވަންތަ ސަލާމަތީ ބާރެއް ފަދަ ކަމެއް." އޭނާ އިތުރަށް ވިދާޅުވިއެވެ. "ނިއުކްލިއަރ ބާރު ހުރި ޕާކިސްތާން އުންމަތުގެ މެންބަރެއްގެ ގޮތުގައި ތެދުވާނެ. އެ ގައުމުގެ ވާޖިބު އަދާކުރާނެ."
އިރާނުގެ ރައީސް މަސްޢޫދު ޕެޒޭޝްކިއަން ވަނީ މުސްލިމް ގައުމުތަކުން އިޒްރޭލާ ގުޅުން ކަނޑާލުމަށް ގޮވާލައްވާފައެވެ. ދޯހާއަށް ފުރާވަޑައިގަތުމުގެ ކުރިން ޕެޒޭޝްކިއަން ވިދާޅުވީ "އިސްލާމީ ގައުމުތަކަށް މި ދޮގުވެރި ވެރިކަމާ ގުޅުން ކަނޑާލެވި، އެއްބައިވަންތަކަން ދެމެހެއްޓިދާނެ" ކަމަށެވެ. އަދި އިޒްރޭލާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމާ މެދު ނިންމުމެއް ނެރުމަށް އޭނާ އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ބައެއް ތަހުލީލުކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ ނިމޭ މި ސަމިޓުން، އިޒްރޭލާ ދެކޮޅަށް ފުރަތަމަ ފަހަރަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.