ދުނިޔެ
ޤަޠަރުގައި ހަމާސްއަށް ދިން ހަމަލާގެ ފުރިހަމަ ޒިންމާ ނަގަން: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުން ޤަޠަރުގައި ހަމާސްގެ އިސްލީޑަރުންނަށް ދިން ހަމަލާގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯއާ ގުޅިގެން ޤުދުސްގައި ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، ޤަޠަރުގައި ހަމާސްގެ އިސްފަރާތްތަކަށް ހަމަލާ ދިނުމަކީ އިސްރާއީލުން މިނިވަންކޮށް ނިންމި ނިންމުމެއް ކަމަށެވެ.
ނޫސް ކޮންފަރެންސްގައި ނަތަންޔާހޫ އިތުރަށް ވިދާޅުވީ، އިސްރާއީލާއި އެމެރިކާއިން ކުރިއަށް އޮތް ތަނުގައިވެސް ދެ ޤައުމުގެ މަޞްލަޙަތު ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.
ރޫބިއޯގެ މި ދަތުރުފުޅު ކުރިއަށްދަނީ މެދުއިރުމަތީގެ އެމެރިކާގެ އެކުވެރި ޤައުމުތަކާއި އިސްރާއީލާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. މި ނުތަނަވަސްކަން އުފެދިފައިވަނީ ޤަޠަރުގައި ހަމާސްގެ އިސްލީޑަރުންނަށް ދިން ހަމަލާއާއި، އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގައި ޤަވާޢިދާ ޚިލާފު ވަޒަންވެރިވުންތައް އިތުރުކުރުމާ ގުޅިގެންނެވެ.
"ނުރައްކަލާ ކުރިމަތިލުމުގައި އެމެރިކާ އިސްރާއީލާ އެކު ދެމިތިބިކަން ރޫބިއޯގެ މި ދަތުރުފުޅުން ސާފު މެސެޖެއް ދޭ،" ނަތަންޔާހޫ ވިދާޅުވިއެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ ވައިޓް ހައުސްގައި އުޅުއްވި ރައީސުންގެ ތެރެއިން އިސްރާއީލަށް އެންމެ ބޮޑަށް އެހީތެރިވެދެއްވި ރައީސް ކަމަށްވެސް ނަތަންޔާހޫ ވިދާޅުވިއެވެ.