Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު ޤަޠަރުގެ އަމީރާ ބައްދަލުކުރައްވައި ސުލްހަ ދެމެހެއްޓުމަށް ޤަޠަރުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދު ކުރައްވައިފި

ރައީސް މުޢިއްޒު ޤަޠަރުގެ އަމީރާ ބައްދަލުކުރައްވައި ސުލްހަ ދެމެހެއްޓުމަށް ޤަޠަރުން ކުރަމުންދާ މަސައްކަތްތަކަށް ތާއީދު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ޤަޠަރު ދައުލަތުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ސެޕްޓެމްބަރު 2025، 05:10

15 ސެޕްޓެމްބަރު 2025، 05:10

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު، ޤަޠަރު ދައުލަތުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ޤަޠަރުގެ ދޯހާގައި ހުންނަ ޝެރަޓަން ދޯހާ ހޮޓެލްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، މުސްލިމް އުންމަތުގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ، އިސްރާއީލުން ދާދިފަހުން ޤަޠަރަށް ދިން ހަމަލާތަކުގައި މަރުވި ފަރާތްތަކަށް ތަޢުޒިޔާ ރައްދުކުރައްވާފައެވެ. އަދި ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ވަރުގަދަ އެއްބައިވަންތަކަމެއް ދެމިހުންނާނެކަން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ޤަޠަރުގެ ސިޔާދަތީ މިނިވަންކަމަށް އުފެދިފައިވާ ގޮންޖެހުންތައް ރައީސް މުޢިއްޒު ކުށްވެރިކުރެއްވިއެވެ. އަދި ސަރަޙައްދީ ސުލްހަ އާއި ޤައިމުކަން ދެމެހެއްޓުމަށް ޤަޠަރުން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމަ ތާއީދު ކުރައްވާކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބޭއްވި އަރަބި-އިސްލާމީ ކުއްލި ސަމިޓް ބާއްވައި، ފަލަސްޠީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޤަޠަރުން ކުރަމުންދާ މުހިއްމު މަސައްކަތްތަކަށް ރައީސް ޑރ. މުޢިއްޒު ވަނީ ތަޢުރީފުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޚާރިޖީ ގުޅުންތަކާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންކަމުގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. ރާއްޖެއަށް ޤަޠަރުން ދެމުންދާ އެހީތެރިކަމަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވިއެވެ.

ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެ ބޭފުޅުން ވެސް ވަނީ ދިވެހިރާއްޖެއާއި ޤަޠަރުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އަޒުމް ކަށަވަރުކުރައްވާފައެވެ. އަދި މުސްލިމް އުންމަތުގެ އެއްބައިވަންތަކަމުގެ މުހިއްމުކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމާއި އަމިއްލަ ނަފްސު ތެދުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ދެ ދައުލަތުން ވެސް ކޮށްފައިވާ ދެ ދައުލަތުގެ ހައްލެއް ހޯދުމުގެ ޢަޒުމް ވަނީ އާކުރައްވާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން