ކުޅިވަރު
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗުތައް މިރޭ ފަށަނީ

ނިމުނު ސީޒަންގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައި ވަނީ ޕީއެސްޖީއިން، އެއީ އެ މުބާރާތް އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ފަހަރު، ފޮޓޯ: ރޮއިޓާސް
ކްލަބު ފުޓުބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތް ކަމުގައިވާ، ޔޫއެފާ ޗެމްޕިއަންސް ލީގުގެ މި ސީޒަންގެ ގްރޫޕް ސްޓޭޖު މެޗުތައް މިރޭ ފަށާނެއެވެ.
އެގޮތުން މިރޭ އިރާކޮޅު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، އެއް މެޗުގައި ބައްދަލުކުރާނީ ސްޕެއިންގެ އެތުލެޓިކް ކްލަބް އާއި އިންގްލެންޑުގެ އާސެނަލްއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ނެދަލޭންޑްސްގެ ޕީއެސްވީ އެންދޯވެން އާއި ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ގިލޯޒްއެވެ. މި ދެމެޗު ވެސް ފަށާނީ ރާއްޖެ ގަޑިން މިރޭ 9:45ގައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ދަންވަރު 12:00ގައި ފެށުމަށް ހަމަޖެހިފައިވާ އިތުރު މެޗުތައް:
ބެންފީކާ (ޕޯޗުގަލް) – ގަރަބަގް އެފްކޭ (އަޒަރުބައިޖާން)
ޔުވެންޓަސް (އިޓަލީ) – ޑޯޓްމަންޑް (ޖަރުމަނު)
ޓޮޓެންހަމް (އިންގްލެންޑް) – ވިޔަރިއާލް (ސްޕެއިން)
ރިއަލް މެޑްރިޑް (ސްޕެއިން) – މާސޭ (ފްރާންސް)
މިދިޔަ ސީޒަނުން ފެށިގެން ޗެމްޕިއަންސް ލީގުގައި 36 ކްލަބަކުން ވާދަކުރުމަށް ޔޫއެފާއިން ހަމަޖެއްސިއިރު، މުބާރާތް ކުޅޭ ފޯމެޓަށް ވެސް ވަނީ ބަދަލު ގެނަސްފައެވެ. އެގޮތުން ނޮކްއައުޓް ބުރަށްދާ ޓީމުތައް ކަނޑައެޅުމަށް މިހާރު ކުޅެނީ 36 ޓީމުގެ ލީގެކެވެ. ލީގު ފޭސްގައި ކޮންމެ ޓީމެއް 8 މެޗު ކުޅެއެވެ. މި 8 މެޗު ވެސް ކުޅޭނީ ތަފާތު 8 ޓީމާއެވެ. މި މެޗުތަކުގެ ތެރެއިން 4 މެޗު ކޮންމެ ޓީމެއްގެ އަމިއްލަ ދަނޑުގައި ކުޅޭއިރު، އަނެއް 4 މެޗު ކުޅޭނީ އިދިކޮޅު ޓީމުގެ ދަނޑުގައެވެ.
އައު ފޯމެޓުގައި ނޮކް-އައުޓް ފޭސްއަށް ޓީމުތައް ދަތުރުކުރަނީ ލީގު ފޭސްގައި ލިބުނު ރޭންކަށް ބަލައިގެންނެވެ. އެގޮތުން ލީގުގެ 1 ވަނަ އިން 8 ވަނައަށްދާ ޓީމުތައް ސީދާ ގަދަ-16 އަށް ދަތުރު ކުރާނެއެވެ. ގަދަ-16 އަށް ދަތުރު ކުރާ އަނެއް 8 ޓީމު ކަނޑައަޅާނީ ގްރޫޕް ފޭސްގެ 9 ވަނަ އާއި 24 ވަނައަށް ދާ ޓީމުތަކުގެ މެދުގައި ކުޅޭ "ހޯމް އެންޑް އަވޭ" ނޮކް-އައުޓް ޕްލޭ-އޮފަކަށް ފަހުއެވެ.
އަދި ލީގު ފޭސްގައި 25 ވަނައިން 36 ވަނައަށް ދިޔަ ޓީމުތައް މުބާރާތާއި އަލްވަދާއު ކިޔަން ޖެހޭނެއެވެ.
ނޮކް-އައުޓް ޕްލޭ-އޮފް ބުރުގައި 9 ވަނަ އިން 16 ވަނައަށް ދިޔަ ޓީމުތައް ކުޅޭނީ 17 ވަނައިން 24 ވަނައަށް ދިޔަ ޓީމުތަކާ ދެކޮޅަށެވެ. މިތަނުން 9 ވަނަ އިން 16 ވަނައަށްދާ ޓީމުތަކަށް އޮތް އެޑްވަންޓޭޖަކީ، ފަހު ލެގު އެ ޓީމުތަކުގެ ދަނޑުގައި ކުޅޭ ގޮތަށް ނިންމާފައި އޮތުމެވެ.
ޕްލޭ-އޮފް މެޗުތައް އެގްރިގޭޓުން ކާމިޔާބުކުރާ ޓީމުތައް ގަދަ-16 އަށް ދަތުރު ކުރާނެއެވެ. އަދި އެއަށްފަހު ދެން މުބާރާތް ކުރިޔަށް ދާނީ ކުރިން ވެސް ނޮކް-އައުޓް މެޗުތައް ކުރިޔަށް ގެންދިޔަ ގޮތަށެވެ. އެއީ "ހޯމް އެންޑް އަވޭ" އުސޫލުންނެވެ. އަދި ފައިނަލް މެޗު ކުޅޭނީ ޔޫއެފާއިން ކަނޑައަޅާ ނިއުޓްރަލް ދަނޑެއްގައެވެ.