ޚަބަރު
ފްލޮޓިލާ މޫވްމެންޓާ ދެކޮޅަށް އަނިޔާވެރި އެއްވެސް ޢަމަލެއް ނުހިންގުމަށް ރާއްޖެ ހިމެނޭހެން 16 ޤައުމަކުން ގޮވާލައިފި

ފްލޮޓިލާގައި ބައިވެރިވެފައިވާ އުޅަނދުތަކެއް---
ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އިސްރާއީލުން ޣައްޒާ ޙިޞާރު ކުރަމުންދާ ދިއުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާ މޫވްމެންޓާ ދެކޮޅަށް އަނިޔާވެރި އެއްވެސް ޢަމަލެއް ނުހިންގުމަށް ރާއްޖެ ހިމެނޭހެން 16 ޤައުމަކުން ގޮވާލައިފިއެވެ.
މިކަމަށް ގޮވާލައި، 16 ޤައުމުން ގުޅިގެން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ އިންސާނީ އެހީގެ ޤާނޫނަށް އިޙްތިރާމް ކުރުމުގެ ގޮތުން، ފްލޮޓީލާ މޫވްމެންޓާ ދެކޮޅަށް، ޤާނޫނާ ޚިލާފު ނުވަތަ އަނިޔާވެރި ޢަމަލެއް ނުހިންގުމަށް ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، ފްލޮޓިލާގެ ބައިވެރިންނާމެދު ބައިނަލްއަޤްވާމީ ޤާނޫނާއި އިންސާނީ ޙައްޤުތަކާ ޚިލާފު އެއްވެސް ޢަމަލެއް ހިންގުމަކީ، އޭގެ ތެރޭގައި ބައިނަލްއަޤްވާމީ ކަނޑުތަކުގައި ފްލޮޓިލާގައި ބައިވެރިވެފައިވާ އުޅަނދުފަހަރަށް ހަމަލާދިނުމާއި ނުވަތަ ޤާނޫނާ ޚިލާފަށް ބަންދުކުރުން ހިމެނޭގޮތަށް، އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމެއްކަން ވަނީ އެ ބަޔާނުގައި ހަނދާންކޮށްދީފައެވެ.
ރާއްޖެ ހިމެނޭހެން މި ބަޔާން ނެރެފައި ވަނީ ބަނގުލަދޭޝް، ބްރެޒިލް، ކޮލަމްބިއާ، އިންޑޮނޭޝިއާ، އަޔަލޭންޑު، ލީބްޔާ، މެލޭޝިއާ، މެކްސިކޯ، ޕާކިސްތާން، ޤަތަރު، އޮމާން، ސްލޮވީނިއާ، ސައުތު އެފްރިކާ، ސްޕެއިން އަދި ތުރުކީއެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާގައި ތަފާތު އެކި ފަރާތްތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާ ގްރެޓާ ތުންބަރގް، އައިރިޝް އެކްޓަރ ލިއަމް ކަނިންގްހަމް، އަދި ބާސެލޯނާގެ ކުރީގެ މޭޔަރ އަދާ ކޮލައު ހިމެނެއެވެ. މީގެ އިތުރުން އިޓަލީގެ ހަތަރު ޕާލިމެންޓް މެންބަރުންނާއި އިންތިޚާބު ވެފައިވާ އެހެން އޮފިޝަލުންނާއި އެކްޓިވިސްޓުން ވެސް ބައިވެރިވެއެވެ.
ޢަރަބިބަހުން "ކެތްތެރިކަން" މާނަކުރެވޭ "ސުމޫދު" ގެ ނަމުން ނަންދެވިފައިވާ މި ފްލޮޓިލާއަކީ، ޣައްޒާގެ ކަނޑުގެ ސަރަޙައްދުގައި އިސްރާއީލުން ކޮށްފައިވާ ޙިޞާރަކީ އެންމެ ވަރުގަދަ ގޮންޖެހުމެއް ކަމަށް އޯގަނައިޒަރުން ބުނެއެވެ. މިއީ އދ. އިން އިންޒާރު ދެމުންދާ، އެއް މިލިއަނަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ބަނޑުހައިހޫނުކަމުގައި ދިރިއުޅެމުންދާ ދަނޑިވަޅެއްގައި ކުރެވޭ މަސައްކަތެކެވެ.