ކުޅިވަރު

އެމްބައްޕޭގެ ދެ ޕެނަލްޓީއިން ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗު މެޑްރިޑުން ކާމިޔާބުކޮށްފި

އެމްބައްޕޭގެ ދެ ޕެނަލްޓީއިން ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗު މެޑްރިޑުން ކާމިޔާބުކޮށްފި

މި މެޗުގައި އެމްބައްޕޭ ޖެހި ދެ ގޯލާއެކު އޭނާ ވަނީ ސީޒަންގައި ކުޅުނު ފަސް މެޗުން ހަ ގޯލު ހަމަކޮށްފައި، ފޮޓޯ: ގެޓީއިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 ސެޕްޓެމްބަރު 2025، 09:06

17 ސެޕްޓެމްބަރު 2025، 09:06

ކީލިއަން އެމްބައްޕޭ ކާމިޔާބުކުރި ދެ ޕެނަލްޓީއިން، ޔޫއެފާ ޗެމްޕިއަންސް ލީގުގައި އޮލިމްޕިކް މާސޭގެ މައްޗަށް ފަހަތުން އަރައި ރެއާލް މެޑްރިޑުން ކުރި ހޯދައިފިއެވެ.

މެޗުގެ 3ވަނަ މިނެޓުގައި ލޮސް ބްލެންކޯސްގެ ޑިފެންޑަރ، ޓްރެންޓް އެލެކްސެންޑަރ އާނޯލްޑްއަށް ލިބުނު އަނިޔާއަކާ ގުޅިގެން އެ ޓީމުގެ ކޯޗު، ޒަބީ އަލޮންސޯއަށް ހާސްކަމަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެ ތަން ފޫބެއްދުމަށް ޑެނީ ކަވަހާލް ވަނީ ކުޅެން ނިކުމެފައެވެ. 

މި މެޗު ކާމިޔާބު ކުރުމަށް މެޑްރިޑަށް ކުރިމަތިވި ދެވަނަ ގޮންޖެހުމަކަށްވީ، މެޗުގައި ބާކީ 18 މިނެޓު އޮވެ، ނަތީޖާ 1-1އިން އެއްވަރުވެފައި ވަނިކޮށް، ކަވަހާލް ގަސްތުގައި މާސޭގެ ގޯލްކީޕަރުގެ ބޮލުގައި ބޮލުން ޖެހުމުން، އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

ނަމަވެސް 15 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ މެޑްރިޑުން ވަނީ އެމްބައްޕޭގެ އެހީތެރިކަމާއެކު، މި މެޗު އެ ޓީމުގެ ކޮޅަށް އަނބުރާލާފައެވެ. 

މި މެޗުގައި އެމްބައްޕޭ ކާމިޔާބުކުރި ދެ ގޯލާއެކު، ސީޒަންގައި މިހާތަނަށް ކުޅުނު ފަސް މެޗުން އޭނާ ވަނީ 6 ގޯލު ކާމިޔާބުކޮށްފައެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ މާސޭއިންނެވެ. މެޗުގެ 22ވަނަ މިނެޓުގައި، ކުރިން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު މޭސަން ގްރީންވުޑް ވަނީ ސެންޓަރ ސާރކަލް ކައިރިން އަރދާ ގޫލަރގެ އަތުން ބޯޅަ ހޯދުމަށްފަހު، ޓިމޮތީ ވެއާއަށް ރަނގަޅު ފުރުސަތެއް ފަހިކޮށްދީފައެވެ. އަދި ވެއާ ވަނީ ފަރުވާތެރިކަމާއެކު މި ފުރުސަތުގެ ބޭނުން ހިފައި، ބާރު ހަމަލާއަކުން ތިއާބަތު ކޯޓުވާގެ ގޯލު ފޫއަޅުވާލާ، މާސޭއަށް ލިޑު ނަގައިދީފައެވެ.

ނަމަވެސް އެ ޓީމަށް ލީޑު ދެމެހެއްޓުނީ އެންމެ 6 މިނެޓެވެ. މާސޭގެ ޕެނަލްޓީ އޭރިއާ ތެރެއިން ރޮޑްރީގޯއަށް އެ ޓީމުގެ ޖެފްރޭ ކޮންޑޮބިއާ ކުރި ފައުލަކާ ގުޅިގެން ލިބުނު ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށް އެމްބައްޕޭ މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.  

އޭގެ ފަހުން ޕިއެރޭ-އެމެރިކް އަބުމަޔެންގެ ދެ ހަމަލާއިން މާސޭއިން އެ ޓީމުގެ ލީޑު އަނބުރާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެ ތަނުން އެއް ހަމަލާ ކޮޓްވާ މަތަކުރިއިރު، ދެވަނަ ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާނގަނޑަށެވެ. 

ކަވަހާލްއަށް ފަހު ހާފު ދެއްކި ރަތް ކާޑާ ގުޅިގެން އެކަކު މަދުކޮށް ކުޅެމުން ދިޔަ މެޑްރިޑުން މެޗު ކާމިޔާބުކުރުމަށް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފަކުންޑޯ މެޑީނާގެ އަތުގައި މާސޭގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި ޖެހިގެން ލިބުނު ޕެނަލްޓީ، އެމްބައްޕޭ ކާމިޔާބު ކުރުމުންނެވެ. 

މިދިޔަ ސީޒަންގައި މެޑްރިޑް ކެޓީ ކުއާޓާ ފައިނަލުގައި އާސެނަލްގެ އަތްދަށުވެގެނެވެ. އެ ފަހަރު ނޮކްއައުޓް ބުރުން އެ ޓީމަށް ފުރުސަތު ލިބުނީ ވެސް، ލީގު-ފޭސްގައި 11ވަނައަށް ދިއުމުން ޕްލޭ-އޮފް މެޗަށް ފަހުއެވެ. 

މެޑްރިޑުން މި މަހުގެ 30ވަނަ ދުވަހު ކައިރަތުއާ ކުޅޭ އެ ޓީމުގެ ދެވަނަ މެޗަށް، ދިގު ދަތުރެއް ކޮށްފައި ދާންޖެހޭނީ ކަޒަކިސްތާނަށެވެ. ހަމަ އެރޭ މާސޭ ނިކުންނާނީ އަމިއްލަ ދަނޑުގައި އަޔެކްސްއާ ދެކޮޅަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން