ދުނިޔެ

ޣައްޒާގައި މަސައްކަތް ކުރާ އެހީދޭ ޖަމިއްޔާތަކުން ޣައްޒާގެ ޤަތުލް ޢާންމު ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުން ގޮވާލައިފި

ޣައްޒާގައި މަސައްކަތް ކުރާ އެހީދޭ ޖަމިއްޔާތަކުން ޣައްޒާގެ ޤަތުލް ޢާންމު ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުން ގޮވާލައިފި

ޣައްޒާގެ އާއިލާއެއް ހިޖުރަކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2025، 12:15

17 ސެޕްޓެމްބަރު 2025، 12:15

ޣައްޒާގައި މަސައްކަތްކުރާ 20 އަށް ވުރެ ގިނަ އެހީދޭ ޖަމްޢިއްޔާތަކުގެ އިސްވެރިން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ޢަމަލުތައް ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައިފިއެވެ. 

މި ގޮވާލުން އައިސްފައިވަނީ އދ. ގެ ކޮމިޝަނަކުން އިސްރާއީލުން ޣައްޒާގައި ނަސްލު މުލުގެ ޢަމަލުތައް ހިންގަމުންދާކަން ފުރަތަމަ ފަހަރަށް ކަނޑައެޅުމާ ގުޅިގެންނެވެ.

އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 65،000 އަށް ވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 20،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އެހީދޭ ޖަމްޢިއްޔާތަކުން އިންޒާރު ދީފައިވާ ގޮތުގައި، އަވަސް ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އިތުރު އެއް މިލިއަނަށް ވުރެ ގިނަ މީހުން ޝަހީދުވުމުގެ ނުރައްކާ އެބައޮތެވެ.

"ޣައްޒާގެ ހާލަތު މިހާރު ވަނީ އިންސާނިއްޔަތާ ޚިލާފު ހިސާބަށް ގޮސްފައި،" އެހީދޭ ޖަމްޢިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އިސްރާއީލުން ޣައްޒާ ސިޓީގެ އާބާދީ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ އެ ސަރަޙައްދު "ގަސްދުގައި ދިރިއުޅެން ނުކުޅެދޭ ތަނަކަށް ހެދުމަށް" ކުރާ މަސައްކަތްތަކެއް ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މި ވަގުތު ޣައްޒާގައި ތިބި ފަސް ލައްކައަށް ވުރެ ގިނަ މީހުން ބަނޑަހައިހޫނުކަމުގައި ތިބިކަމަށް އެހީދޭ ޖަމްޢިއްޔާތަކުން ބުނެފައިވެއެވެ. އަދި މުޅި ސަރަޙައްދުގައި ބަނޑަހައިހޫނުކަން ފެތުރެމުންދާ ކަމަށާއި، ކާބޯތަކެތި ނުލިބުމާއި ޖިސްމާނީ ގޮތުން ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ކޮންމެ ދުވަހަކު މީހުން ޝަހީދުވަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ޑޮކްޓަރސް ވިތައުޓް ބޯޑަރސް (އެމްއެސްއެފް) ގެ ސެކްރެޓަރީ ޖެނެރަލް ކްރިސްޓޯފަރ ލޮކްޔެއަރ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ހަމަލާތަކަކީ "ސިސްޓަމެޓިކް ގޮތެއްގައި އެއް ބަޔަކު ނައްތާލުމަށް ކުރާ މަސައްކަތް" އެވެ. އަދި އިސްރާއީލުން ޣައްޒާގައި ހިންގަމުންދަނީ ނަސްލު މުލުގެ ޢަމަލުތައް ކަމަށާއި، އެކަން ކުރަމުންދަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށް އެމްއެސްއެފްއިން ސާފުކޮށް ބުނެފައިވެއެވެ.

އދ. ގެ މިނިވަން ތަޙުޤީޤު ކޮމިޝަނުގެ ޗެއަރޕާސަން ނަވީ ޕިލޭ ވިދާޅުވި ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް އަދި ރައީސް އިސްހާޤް ހާޒޯގް އަކީ އެމީހުންގެ އަމިއްލަ ބަސްތަކުން މި ނަސްލު ނައްތާލުމުގެ ޢަމަލުތަކުގައި އެންމެ ޒިންމާދާރުވާ ފަރާތްތަކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން