ދުނިޔެ

އިސްރާއީލު ސިފައިން ސީރިއާގެ ދެކުނުގެ ދެ ރަށަކަށް ވަދެއްޖެ

އިސްރާއީލު ސިފައިން ސީރިއާގެ ދެކުނުގެ ދެ ރަށަކަށް ވަދެއްޖެ

އިސްރާއިލް ސިފައިން ސީރިއާ އަށް ވަނުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

17 ސެޕްޓެމްބަރު 2025، 12:16

17 ސެޕްޓެމްބަރު 2025، 12:16

ސީރިއާގެ ޤުނައިތިރާ ސަރަހައްދުގެ އުތުރުގައި ހިމެނޭ ޖަބާތާ އަލް-ހަޝަބް އަދި އުވާނިއާ ރަށަށް އިސްރާއީލު ސިފައިން މިއަދު ފަތިހު ވަދެއްޖެކަމަށް ސީރިއާގެ އަލް-އިހްބާރިއްޔާ ޗެނަލުން ވަނީ ހާމަކޮށްފިއެވެ.

އެ ޗެނަލުން މައުލޫމާތު ދިންގޮތުގައި، އިސްރާއީލު ސިފައިން ވަނީ ގޭގެއަށް ވަދެ ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގައި، ގޭގެ ފުރާޅުތަކުގައި ހަރަކާތްތެރިވެފައެވެ. މި އޮޕަރޭޝަން ކުރިއަށްދިޔައިރު، އެ ސަރަހައްދުގެ މަތީގައި ޑްރޯންތައް ވެސް ބުރުއަޅަމުންދިޔަ ކަމަށް ބުނެފައިވެއެވެ.

މި ހަމަލާ އައިސްފައިވަނީ، އިއްޔެ ސީރިއާއާއި ޖޯޑަން އަދި އެމެރިކާ ގުޅިގެން ސުވައިދާ ސަރަހައްދުގެ ހަމަނުޖެހުން ހައްލުކުރުމަށާއި ސީރިއާގެ ދެކުނު ސަރަހައްދު ސްޓެބިލައިޒް ކުރުމަށް ރޯޑްމެޕެއް އެކުލަވާލައިފައިވަނިކޮށެވެ. 

 މި ރޯޑްމެޕްގެ ދަށުން، އެމެރިކާއިން ޖޯޑަންގެ އެހީތެރިކަމާއެކު، ސީރިއާ އާއި މަޝްވަރާކޮށްގެން އިސްރާއީލާއެކު ސެކިއުރިޓީ އެއްބަސްވުންތަކަކަށް ވާސިލުވުމަށް މަސައްކަތްކުރާނެއެވެ.

ސީރިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި އެއްބަސްވުންތަކުން "ސީރިއާ އަދި އިސްރާއީލުގެ މަޝްރޫއު ސަލާމަތީ ކަންބޮޑުވުންތައް ހައްލުކުރެވޭނެ" ކަމަށެވެ. އަދި "ސީރިއާގެ ސިޔާދަތަށް އިޚްތިރާމްކުރެވޭނެ" ކަމަށެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު 8 ގައި ބަޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުނު ފަހުން، އިސްރާއީލުން ވަނީ ގޯލަން ހައިޓްސްގެ ބަފަރ ޒޯނަށް ވަދެ، އިތުރު ސީރިއާގެ ސަރަހައްދުތައް އޮކިއުޕައި ކޮށްފައެވެ. އަދި ސީރިއާގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ ތަންތަނަށް ސެތޭކަ އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައިވެއެވެ. ސީރިއާއިން ވަނީ މި ހަމަލާތަކާއި ޤުނައިތިރާ، ދަރާ އަދި ދިމިޝްގު ސަރަހައްދުތަކަށް އިސްރާއީލުން ވަދެ ހިންގާ އޮޕަރޭޝަންތައް ކުށްވެރިކޮށް، މިއީ 1974 ގެ ޑިސްއެންގޭޖްމަންޓް އެގްރީމެންޓާއި ބައިނަލްއަޤުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ބުނެފައެވެ.

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން