ދުނިޔެ
އިސްރާއިލް ސިފައިން ހުޅަނގު އައްސޭރިއަށް އަރައި އާންމުންގެ އުޅަނދުތަކަށް ގެއްލުންދީފި

އިސްރާއިލް ސިފައިން ހުޅަނގުއައްސޭރިއަށް އެރުން
އިސްރާއިލްގެ އަސްކަރީ ބާރުތަކުން މިއަދު ހުޅަނގުއައްސޭރީގެ ރާމަﷲ، ހިބްރޫން އަދި ނާބްލުސްގެ ސަރަހައްދުތަކަށް އަރައި، އަލް-ފަވާރު ކޭމްޕުގެ ގޭޓު ކައިރީގައި ހުރި ފަލަސްތީނު ރައްޔިތުންގެ އުޅަނދުތަކަށް ގެއްލުން ދީފިއެވެ.
ލޯކަލް މީޑިއާ ރިޕޯޓުތަކުން ހާމަކުރި ގޮތުގައި، ބުދަ ދުވަހުގެ ފަތިހު އިސްރާއިލް ސިފައިން ވަނީ އަވަރްތާ ޗެކްޕޮއިންޓް މެދުވެރިކޮށް ނާބްލުސް ސިޓީއަށް ވަދެފައެވެ.
މީގެ ކުރިން، އިސްރާއިލްގެ ބާރުތަކުން ވަނީ ރާމަﷲގެ ހުޅަނގުގައި އޮންނަ ކަފަރް ނިއުމާ، ބިލްއީން އަދި ދެއިރް އިބްޒީ ރަށްތަކަށާއި، ރާމަﷲގެ އުތުރުގައި އޮންނަ ބީރްޒައިތަށް ވެސް އަރާފައެވެ. އަދި ރާމަﷲގެ ހުޅަނގުގައި އޮންނަ އައިން އައޫބް ބަންޑާރަ ކައިރީގައި އިސްރާއިލް ސެޓްލަރުން ވަނީ ފަލަސްތީނު އުޅަނދުތަކަށް ހިލަ އުކައި ހަލާކުކޮށްފައެވެ.
ހުޅަނގުއައްސޭރީގެ ދެކުނުގައި، އިސްރާއިލް ސިފައިން ވަނީ ޔައްޓާ ސިޓީ އަދި ހިބްރޫން ސިޓީގެ ދެކުނުގައި އޮންނަ އަލް-ފަވާރު ރެފިއުޖީ ކޭމްޕަށް އަރާފައެވެ. އަދި ހަމައެހެންމެ، ސިޓީގެ އުތުރުގައި އޮންނަ އަލް-އަރޫބް ކޭމްޕަށް ވެސް އަރާފައިވެއެވެ.
އަލްޖަޒީރާއަށް ލިބުނު މައުލޫމާތުގައިވާ ގޮތުން، އިސްރާއިލް ސިފައިން ވަނީ އަލް-ފަވާރު ކޭމްޕުގެ ގޭޓު ކައިރީގައި ހުރި ފަލަސްތީނު އުޅަނދުތަކަށް ގެއްލުންދީފައެވެ. ޣައްޒާގައި ހިންގަމުންދާ މަރުގެ އޮޕަރޭޝަނާއެކު، އިސްރާއިލް ސިފައިންނާއި ސެޓްލަރުން ވަނީ އިރުމަތީ ޖާރުއްސަލަމް ހިމެނޭގޮތަށް މުޅި ހުޅަނގުއައްސޭރީގައި އެމީހުންގެ ހަމަލާތައް އިތުރުކޮށްފައެވެ. ފަލަސްތީނު އިދާރާތަކުގެ ރިޕޯޓުތަކުން ދައްކާގޮތުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 9،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަހަމްވެފައެވެ.