ޚަބަރު
ޤައުމީ ދިފާޢީ ބާރުން އަޙްމަދިއްޔާ ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ކުރިއަށް ގެންގޮސްފި

އެމް.އެން.ޑީ.އެފް.އިން އަޙްމަދިއްޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލް.

ފަރުދުން
17 ސެޕްޓެމްބަރު 2025، 01:05
17 ސެޕްޓެމްބަރު 2025، 01:05
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް.)ގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ސްކޫލުގެ ދެ ދަންފަޅިއަށް މިއަދު ކުރިއަށް ގެންދިޔަ ފަޔަރ އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ޙާދިޘާއެއް ހިނގައިފި ޙާލަތެއްގައި ޢަމަލުކުރަން ޖެހޭނެ ގޮތްތައް ޢަމަލީގޮތުން ވަނީ ދައްކުވައިދީފައެވެ. މި ގޮތުން، އަލިފާނުގެ ޙާދިޘާއެއް ހިނގައިފި ނަމަ، ސްކޫލުގައި އެ ވަޤުތު ތިބި ދަރިވަރުންނާއި މުދައްރިސުން ސަލާމަތްތެރި ޙިސާބަކަށް ގެންދާނެ ގޮތްތައް ފަރިތަކޮށްދީފައިވެއެވެ. އަދި އެ ފަދަ ޙާދިޘާއެއްގައި އަނިޔާވާ ފަރާތްތަކަށް ޞިއްޙީ ފުރަތަމަ އެހީ (ފަރސްޓް އެއިޑް) ދޭނެ ގޮތްތައް ވެސް އޮޅުން ފިލުވައިދީފައިވެއެވެ. މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އެ ސްކޫލުގައި ކިޔަވާ ގިނަ ޢަދަދެއްގެ ދަރިވަރުންނާއި، މުދައްރިސުންގެ އިތުރުން، އެ ސްކޫލުގައި މަސައްކަތްކުރައްވާ މުވައްޡަފުން ބައިވެރިވިއެވެ.
މިއަދު އަޙްމަދިއްޔާ ސްކޫލުގައި ހިންގި ފަޔަރ އިވެކުއޭޝަން ޑްރިލްގެ ކުރިން، އެމް.އެން.ޑީ.އެފް. އެފް.އާރް.އެސް.އިން ވަނީ މިކަމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމާއި، ފަޔަރ އިވެކުއޭޝަން ޑްރިލް ކުރިއަށް ގެންދިއުމަށް ހަދާފައިވާ ތާވަލާ ބެހޭ ކުލާސްތަކެއް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ މުދައްރިސުންނަށާއި އެހެނިހެން މުވައްޡަފުންނަށް ހިންގާފައެވެ.
ފަޔަރ އިވެކުއޭޝަން ޑްރިލްގައި މުދައްރިބުންގެ ގޮތުގައި ޙަރަކާތްތެރިވެފައިވަނީ އެމް.އެން.ޑީ.އެފް. ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިންނެވެ.
އެމް.އެން.ޑީ.އެފް. ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މާލޭގެ ސްކޫލުތަކުގައި ހިންގާ ފަޔަރ އިވެކުއޭޝަން ޑްރިލްތަކަކީ ސްކޫލުތަކުގައި ދިމާވެދާނެ އަލިފާނުގެ ޙާދިޘާތަކުން ރައްކާތެރިވުމުގެ ގޮތުން، އެ ފަދަ ޙާދިޘާއެއް ހިނގައިފި ނަމަ ޢަމަލުކުރަން ޖެހޭ ގޮތްތައް ދަސްކޮށްދިނުމުގެ މަޤުޞަދުގައި ހިންގާ ޑްރިލްތަކެކެވެ.