Ads by Stelco

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނުތައް ހެދުމަށް ފުރައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނުތައް ހެދުމަށް ފުރައިފި

ބައިވެރިން ފުރުން/ފޮޓޯ: ދިފާޢީ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 ސެޕްޓެމްބަރު 2025، 02:29

17 ސެޕްޓެމްބަރު 2025، 02:29

ދިވެހި ވަޠަނީ ޚިދުމަތް (މޯލްޑިވްސް ނޭޝަނަލް ސަރވިސް) ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނުތައް ހެދުމަށް ފުރައިފިއެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު 340 ބައިވެރިން، ޅ. މާފިލާފުށީގައި ތިން މަސްދުވަހުގެ ތަމްރީނުތައް ފުރިހަމަކުރާނެ ކަމަށެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް އުފެއްދުމެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކުރުމެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ހޮވުމުގެ މަރުޙަލާ މިއަހަރުގެ ޖުލައި މަހު އެންމެ ފުރަތަމަ ފަށާފައިވަނީ ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. ނަމަވެސް، މި މަރުޙަލާ އިތުރަށް ފުޅާކޮށް، ށ. ފުނަދޫ، ނ. މަނަދޫ އަދި ތ. ވޭމަންޑޫގައި ވެސް ބައިވެރިން ހޮވުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ހޮވުމުގެ މަރުޙަލާގައި ބައިވެރިން އިންޓަރވިއު، މެޑިކަލް ޓެސްޓް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނަސް ޓެސްޓްތައް ފުރިހަމަކުރިއެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާފައިވާ ފަރާތްތައް ތަމްރީނަށް ނެގުމުގައި އަމަލުކުރާނީ ޕްރޮގްރާމަށް ހުށައަޅާފައިވާ ތަރުތީބުން ލިސްޓް ތަރުތީބުކުރުމަށްފަހު، އެ ތަރުތީބަށް ބަލައިގެންކަމަށް ދިފާޢީ ވުޒާރާއިން  މީގެ ކުރިން ވިދާޅުވިއެވެ. އަދި ތަމްރީނުގެ އެއް ބުރު ނިމުމާއެކު ލަސްނުވެ އަނެއް ބުރުގެ ތަމްރީން ފެށޭނެކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ. 

މި ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވޭ ޕްރޮގްރާމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން