ކުޅިވަރު
އޭޝިއަން ކަޕް ކޮލިފައިންގއަށް ޤައުމީ ފުޓްސަލް ޓީމު މިޔަންމާއަށް

އޭޝިއަން ކަޕް ކޮލިފައިންގއަށް ޤައުމީ ފުޓްސަލް ޓީމު މިޔަންމާއަށް ފުރުން. ފޮޓޯ: އެފް.އޭ.އެމް.ގެ ފޭސްބުކް.

ފަރުދުން
17 ސެޕްޓެމްބަރު 2025، 05:09
17 ސެޕްޓެމްބަރު 2025، 05:09
އޭޝިއަން ކަޕް ކޮލިފައިންގއަށް ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު މި އަދު ހެނދުނު މިޔަންމާއަށް ފުރައިފިއެވެ. އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަނުން އިންތިޡާމުކޮށްގެން ބާއްވާ 2026 އޭ.އެފް.ސީ. އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް ކުރިޔަށްދާނީ 16-24 ސެޕްޓެންބަރަށެވެ.
ރާއްޖޭގެ ޤައުމީ ފުޓްސަލް ސްކޮޑްގައި ހިމެނެނީ އަޙަމަދު އަޔާޒް، ޝާމިން މުޙައްމަދު، ޢަލީ ޝިޔާހް، އިސްމާޢީލް ވަޖީހް، ޙުސައިން ސުހެއިލް، އަޙުމަދު ޝަމާލް، ޙުޛައިފަތު ރަޝީދު، އިޝާން އިބްރާހީމް، މުޙައްމަދު ޢިމްރާން، ޢަލީ ޙާފިޡް، ޢަބްދުالله ޒިމާމް އަދި ޢަބްދުالله ނާޞިޙްއެވެ.
ޤައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްސަލް ތަރި، އަދި ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުން ގިނަ ކާމިޔާބީތައް ހޯދާފައިވާ އަޙްމަދު ނިޔާޒް (ނިޔާ) އެވެ. ރާއްޖޭގައި ބާއްވާ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 2016އިން ފެށިގެން ނިޔާޒް ވަނީ ގިނަ ކާމިޔާތަކެއް ހޯދާފައެވެ.
ކޯޗު ނިޔާޒްގެ އިރުޝާދުގެ ދަށުން ޤައުމީ ފުޓްސަލް ޓީމުން މިޔަންމާއަށް ފުރުމުގެ ކުރިން، ފާއިތުވި ހަފްތާތަކުގައި ވަނީ ފަރިތަކުރުންތައް ބާއްވާފައެވެ.
މި މުބާރާތުގައި ދިވެހިރާއްޖޭގެ އިތުރުން ވާދަކުރަނީ ކުވެއިތު، އޮސްޓްރޭލިއާ، އިންޑިއާ، މޮންގޯލިއާ، ތައިލޭންޑް، ކޮރެއާ ރިޕަބްލިކް، ބަޙްރެއިން، ބްރޫނާއި، ޖަޕާން، މަކާއޯ، ކެމްބޯޑިއާ، ޢިރާޤް، ސަޢުދީ ޢަރަބިއްޔާ، ޗައިނީޒް ތައިޕޭ، ޕާކިސްތާން، ވިއެޓްނާމް، އުރުދުުން، ހޮންގކޮންގ، އުޒުބެކިސްތާނު، ކިރްގިސްތާނު، ޓިމޯ ލެންޓޭ، ފަލަސްޠީން، ކިރްގިސްތާނު، ބަނގްލަދޭޝް، ޔޫ.އޭ.އީ.، މެލޭޝިއާ، އީރާން، އަފްޣާނިސްތާން އަދި މިޔަންމާއެވެ.
ކޮލިފައިންގގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އަފްޣާނިސްތާނާ ދެކޮޅަށެވެ. އެއަށް ފަހު 22 ސެޕްޓެމްބަރުގައި ރާއްޖެ ނުކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.
2026 އޭ.އެފް.ސީ. ފުޓްސަލް އޭޝިއަން ކަޕް އޮންނާނީ 27 ޖަނަވަރީން ފެށިގެން 7 ފެބުރުވަރީގެ ނިޔަލަށް އިންޑޮނޭޝިއާގައެވެ. ފާއިތުވި އަހަރުތަކުގައި މި މުބާރާތުގެ އެންމެ ކާމިޔާބު ޤައުމަކީ އީރާންއެވެ. އީރާނުން ވަނީ 13 ފަހަރު އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ހޯދާފައެވެ.
2026 ވަނަ އަހަރު ބާއްވާ މުބާރާތަކީ އޭ.އެފް.ސީ. ފުޓްސަލް އޭޝިއަން ކަޕްގެ 18 ވަނަ މުބާރާތެވެ.