ޚަބަރު
ހުޅުމާލެ ޣާޒީ ސްކޫލު ސަރަޙައްދުގައި ފުލުހުންގެ "ރަމަތަ ޕްރޮގްރާމް" ކުރިއަށް ގެންގޮސްފި

ރަމަތަ ޕްރޮގްރާމް/ފޮޓޯ: ފުލުހުން
ހުޅުމާލެ ސްކޫލުތައް ކައިރީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުލުހުންގެ "ރަމަތަ ޕްރޮގްރާމް" ޣާޒީ ސްކޫލު ސަރަޙައްދުގައި ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރަމަތަ ޕްރޮގާރަމަކީ ހުޅުމާލޭގެ މަގުތައް އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށާއި ރައްޔިތުން ހޭލުންތެރިކުރުވައި، ޤަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ހުޅުމާލޭގެ ސްކޫލުތައް ހިމެނޭ ސަރަޙައްދުގައި ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމަކީ ސްކޫލުތަކުގެ ޓްރެފިކް މޮނީޓަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން، މި ޕްރޮގްރާމުގައި އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި، ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނައިގެން އުޅަނދު ދުއްވުމަށް އިރުޝާދުދީފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ. ހަމަ އެހެންމެ، އުޅަނދު ޕާކުކުރާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި، މަގު ހުރަސްކުރާ ވަގުތުތަކުގައި މަގުގެ ދެފަރާތް ރަނގަޅަށް ބެލުމަށާއި، މަގުމަތީގައި އުޅޭއިރު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ދެމުންގެންދާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ނަސޭޙަތްތެރިވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދު ފެށި މި ޕްރޮގްރާމުގައި ޣާޒީ ސްކޫލުގެ ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ޙަރަކާތްތެރިވާ ދަރިވަރުން ސްކޫލު ސަރަޙައްދުގައި ޢާންމު ރައްޔިތުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.