ޚަބަރު
މަޝްޢަރު ޢުމްރާ ގްރޫޕްގެ ވެރިޔާ ހިޔާނާތްތެރިވެފައިވާކަން ސާބިތުވެ ޖަލު ޙުކުމެއް

މަޝްޢަރު ޙައްޖު އެންޑް ޢުމްރާގެ ވެރިޔާ، މ.ހަވީރީފިނި ޢަލީ ފާރިޝް---
މަޝްޢަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ވެރިޔާގެ މައްޗަށް ހިޔާނާތުގެ ދަޢުވާ ސާބިތުވެ 3 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފިއެވެ.
މަޝްޢަރު ޙައްޖު އެންޑް ޢުމްރާގެ ވެރިޔާ، މ.ހަވީރީފިނި ޢަލީ ފާރިޝްގެ މައްޗަށް ސާބިތުވެފައިވަނީ ޢުމްރާއަށް މީހުން ގެންދިއުމަށްކަމަށް ބުނެ ފައިސާ ނަގާ އެ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ކުށެވެ.
މަޝްޢަރު ގްރޫޕްގެ މައްސަލަ ފެންމަތިވީ، މިދިޔަ އަހަރުގެ ރަމަޟާންމަހު އެ ގްރޫޕުން ޢުމްރާއަށް ގެންދިޔަ ބަޔަކު ހާލުގައި ޖެހި، އެނބުރި މާލެ އާދެވޭނެ ގޮތެއް ނެތި ސައޫދީ އަރަބިއްޔާގައި ތާށިވި ހިސާބުންނެވެ.
އޭރު އެއީ ޢުމްރާއަށް މީހުން ގެންދިއުމުގެ ޙުއްދަ ދީފައި އޮތް ބައެއް ނޫނެވެ. އޭރު ބެލިބެލުމުން އެނގުނު ގޮތުގައި، އެ ކުންފުންޏަކީ މިނިސްޓްރީން ޙުއްދަ ބާޠިލުކޮށްފައި އޮތް ބައެކެވެ. އެ ކުންފުންޏަށް ދިން ޙުއްދަ ބާޠިލުކޮށްފައި އޮތުމުން ވަކިން ޓުއާ އެޖެންސީއެއް ހަދައިގެން އާންމުންނަށް އޮޅުވާލައިގެން މީހުން އުމްރާއަށް ގެންދިޔައީއެވެ.
ދައުލަތުން ޢަލީ ފާރިޝްގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ، 48 މީހެއްގެ ރިޓަރން ޓިކެޓްތަކުގެ ބުކިންގއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަލް މަޝްޢަރު ކުންފުނިން ދޫކޮށްފައިވާ 3 ޗެކް ބައުންސްވުމާއި ގުޅިގެން އެފައިސާ ހޯދުމަށް ޕްރޮސެކިއުޝަނުން ހުށައަޅާފައިވާކަމަށެވެ.
ކްރިމިނަލް ކޯޓުން ފާރިޝްއަށް ކުރި ޙުކުމްގައި ބުނެފައިވަނީ، ހުށައަޅާފައިވާ ދަޢުވާއަށް ފާރިޝް އިންކާރު ކުރިނަމަވެސް، އެއްވެސް ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން، ޤާނޫނުލްޢުޤޫބާތުގެ ދަށުން އޭނާ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅާކަމަށް ކްރިމިނަލް ކޯޓުން ފާރިޝްގެ މައްޗަށް ކުރި ޙުކުމުގައި ބުނެފައި ވެއެވެ.
މީގެއިތުރުން، ޗެކް ބައުންސްވުމުން އޭސް އޭވިއޭޝަން ސަރވިސް މޯލްޑިވްސް އާއި އޭސް ޓްރެވެލް މޯލްޑިވްސްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި 26،350.32 އެމެރިކާ ޑޮލަރު ނުވަތަ 406،321.90 ދިވެހި ރުފިޔާ އެ ކުންފުނިތަކަށް ދެއްކުމަށްވެސް ވަނީ ޙުކުމްގައި ކަނޑައަޅާފައެވެ. ކްރިމިނަލް ކޯޓުގެ ޙުކުމްގައި ވަނީ މިފައިސާ 24 މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް އަމުރުކޮށްފައެވެ.
ޢުމްރާއަށް މީހުން ގެންދިޔުމަށްކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނެގުމަށްފަހު، ޢުމްރާއަށް ނުދެވުމުގެ މައްސަލައާއި ޚިޔާނާތުގެ މައްސަލަތަކާއެކު ސަރުކާރުންވަނީ ޢުމްރާއަށް ގެންދިޔުމުގައި އިހުމާލުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަން ހާމަކުރައްވާފައެވެ. ޢުމްރާއަށް ދިޔުމަށްޓަކައި ފައިސާދައްކާއިރު، އެއީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްކަން ކަށަވަރުކުރުމަށް އެވުޒާރާއިން އިލްތިމާސްކުރައްވައެވެ.