ޚަބަރު
އޯޒޯން ދުވަސް ފާހަކަ ކުރުމަށް ހުކުރު ދުވަހު ގިނަ ހަރަކާތްތަކެއް ބާއްވަނީ

މި އަހަރުގެ އޯޒޯން ދުވަހުގެ ޝިޢާރަކީ "ސައިންސް ޓު ގްލޯބަލް އެކްޝަން"---
ދުނިޔޭގެ އޯޒޯން ދުވަސް ފާހަކަ ކުރުމުގެ ގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހުކުރު ދުވަހު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އޯޒޯން ދުވަސް ފާހަގަ ކުރާނީ ދުނިޔޭގެ އޯޒޯން ދުވަހުގެ ޝިޢާރު ކަމުގައިވާ، "ސައިންސް ޓު ގްލޯބަލް އެކްޝަން"ގެ ދަށުންނެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކްގައެވެ. އެގޮތުން އެ ދުވަހުގެ ހަވީރު 4:00އިން ފެށިގެން ރޭގަނޑު 10:00އާ ހަމައަށް މި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އޯޒޯން ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ފުއްމާ ކާސަލް އާއި ލަކީޑްރޯ ހިމެނެއެވެ. ލަކީޑްރޯގައި ބައިވެރިވެގެން 3 އޭސީ އާއި ފުރިޖެއް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. އެގޮތުން މި ލަކީޑްރޯގައި ހިމެނެނީ 12,000 ބީ.ޓީ.ޔޫ 5 ތަރީގެ ގްރީ ބްރޭންޑްގެ އޭސީއަކާއި، 12,000 ބީ.ޓީ.ޔޫ 4 ތަރީގެ ހިޓާޗީ ބްރޭންޑްގެ އޭސީއަކާއި 18,000 ބީ.ޓީ.ޔޫ 4 ތަރީގެ ހިޓާޗީ ބްރޭންޑްގެ އޭސީއެއްގެ އިތުރުން އަދި 1 ދޮރުގެ ހިޓާޗީ ބްރޭންޑުގެ ފްރިޖެކެވެ.
މީގެ އިތުރުން، ދެމެހެއްޓެނިވި ފިނިކުރުމުގެ މަސައްކަތްތައް ދައްކުވައިދޭ މަޢުރަޒެއް ވެސް ދުވަހާ ގުޅުވައިގެން ކުރިޔަށްދާނެއެވެ. މި މަޢުރަޒުގައި ވިލާ ހޭވަން ރިސޯޓް، އަނަންތަރާ ރިސޯޓް، ރެފްކޫލް އަދި ސްނޯ އިންޖިނިއަރިންގެ ސްޓޯލްތައް ހިމެނެއެވެ.
އެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ އޯޒޯން ދުވަހުގެ މުނާސަބަތުގައި ބޭއްވި އާރޓް މުބާރާތުގެ އިނާމު ދިނުން ވެސް ހިމެނެއެވެ.