Ads by Stelco

ޚަބަރު

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވައިފި

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ދަންނަވައިފި

ބައިވެރިން ފުރަން ތައްޔާރުވުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ސެޕްޓެމްބަރު 2025، 01:37

18 ސެޕްޓެމްބަރު 2025، 01:37

ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަޠަނީ ޚިދުމަތު)  ގެ ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ދަންނަވައިފިއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރަށް ހޮވުނު ބައިވެރިން ތަމްރީނު ފުރިހަމަކުރުމަށް މިއަދު ޅ. މާފިލާފުށްޓަށް ފުރާފައިވާއިރު، ރައީސް ވަނީ އެބައިވެރިންނަށް މަރުޙަބާ ދެންނެވުމަށް "އެކްސް" ގައި ޕޯސްޓެއް ކުރައްވާފައެވެ.

މި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލި 1،242 ޒުވާނުންގެ ތެރެއިން، ފުރަތަމަ ބުރަށް ހޮވުނު 343 ޒުވާނުން މިއަދު ތަމްރީނަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރާއި ދެމެދުގެ ޖުމްލަ 64 އަންހެން ބައިވެރިންނާއި، 279 ފިރިހެން ޒުވާނުން މިއަދު ތަމްރީނަށް ގޮސްފައިވާކަމަށް ރައިސް ވިދާޅުވިއެވެ. އެހެންކަމުން، މި ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށާއި، އެ ޒުވާނުންގެ ބެލެނިވެރިންނާއި ޢާއިލާތަކަށް އެމަނިކުފާނު ވަނީ މަރްޙަބާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވަނީ، މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްޞަދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މި ތަމްރީނުތަކުގެ ސަބަބުން ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރެވިގެންދާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމާއި އަދި ނޭޝަނަލް ސަރވިސްގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ މަގުފަހިވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ހަމަ މިއާއެކު، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކޮށް، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތުންތަކަކަށް ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ހޮވުމުގެ މަރުޙަލާ މިއަހަރުގެ ޖުލައި މަހު އެންމެ ފުރަތަމަ ފަށާފައިވަނީ ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. ނަމަވެސް، މި މަރުޙަލާ އިތުރަށް ފުޅާކޮށް، ށ. ފުނަދޫ، ނ. މަނަދޫ އަދި ތ. ވޭމަންޑޫގައި ވެސް ބައިވެރިން ހޮވުމުގެ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ހޮވުމުގެ މަރުޙަލާގައި ބައިވެރިން އިންޓަރވިއު، މެޑިކަލް ޓެސްޓް، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނަސް ޓެސްޓްތައް ފުރިހަމަކުރިއެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން