ކުޅިވަރު

އަނެއްކާވެސް އިތުރު ވަގުތު ކާމިޔާބުކުރި ގޯލަކުން ލިވަޕޫލް މޮޅުވެއްޖެ

އަނެއްކާވެސް އިތުރު ވަގުތު ކާމިޔާބުކުރި ގޯލަކުން ލިވަޕޫލް މޮޅުވެއްޖެ

ގޯލު ކާމިޔާބުކުރުމަށްފަހު ވެން ޑައިކް އުފާފާޅުކުރަނީ، ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 ސެޕްޓެމްބަރު 2025، 07:43

18 ސެޕްޓެމްބަރު 2025، 07:43

މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ކުޅުން މެޗުގައި ވެސް އިތުރު ވަގުތު ކާމިޔާބުކުރި ގޯލަކުން ލިވަޕޫލް މޮޅުވެއްޖެއެވެ.

އެންފީލްޑްގައި ރޭ އެތުލެޓިކޯ މެޑްރިޑާ ކުޅުނު މެޗުގެ ފުރަތަމަ 6 މިނެޓުގެ ތެރޭގައި ލިވަޕޫލުން ދެ ގޯލުގެ ލީޑެއް ނެގިއެވެ.

އެ ޓީމުގެ ފުރަތަމަ ގޯލަކީ މުޙައްމަދު ސަލާޙް ފޮނުވާލި ހިލޭ ޖެހުމެއް، އެ ޓީމުގެ އެންޑީ ރޮބަޓްސަން ގައިގަ ޖެހުމަށްފަހު މިސްރާބު ބަދަލުވެގެން ގޮސް ގޯލަށް ވަތް ބޯޅައެކެވެ. އޭގެ ދެ މިނެޓު ފަހުން ސަލާޙް ވަނީ އެތުލެޓިކޯގެ ޑިފެންޑަރުންތަކެއް ކައިރިން ނައްޓާލުމަށްފަހު ލިވަޕޫލްގެ ލީޑު ފުޅާކޮށްފައެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މާކޮސް ލޮރެންޓޭ ކާމިޔާބުކުރި ގޯލަކާއެކު އެތުލެޓިކޯއިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ އާ އުއްމީދެއްގައެވެ. 

ދެވަނަ ހާފަށް އެ ޓީމުން ނިކުތީ ނަތީޖާ ބަދަލުކުރުމަށްކަން، ގޯލެއް ޖެހުމަށް ކުރަމުން ދިޔަ މަސައްކަތުން ސާބިތުކޮށްދިނެވެ. އެގޮތުން ލޮރެންޓޭގެ އިތުރު ގޯލަކުން މެޗުގެ 81ވަނަ މިނެޓުގައި އެ ޓީމުން ނަތީޖާ ހަމަހަމަކުރިއެވެ.

ލޮރެންޓޭ ވަނީ 2020ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ-16ގައި އެންފީލްޑްގައި ލިވަޕޫލް 3-2އިން ބަލިކުރި މެޗުގައި ވެސް ދެ ގޯލު ކާމިޔާބުކޮށްފައެވެ.

ލޮރެންޓޭގެ ގޯލުތަކުން ފަހަތުން އަރާ ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް ރޭގެ މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ، އިތުރު ވަގުތުގައި ލިބުނު ކޯނަރެއްގައި އެ ޓީމުގެ އިސްކޮޅުން ދިގު ޑިފެންޑަރު، ވާރޖިލް ވެން ޑައިކް ބޮލުން ފޮނުވާލި ބޯޅައަކުންނެވެ.

މިއީ މި ސީޒަންގައި މިހާތަނަށް ލިވަޕޫލުން ކުޅުނު 6 މެޗުގެ ތެރެއިން، 90ވަނަ މިނެޓުގެ ފަހުން ގޯލު ކާމިޔާބުކޮށް މެޗުގެ ނަތީޖާ ބަދަލުކުރި 4ވަނަ މެޗެވެ. 

ވެން ޑައިކްގެ ގޯލަށް ނުރުހުންފާޅުކޮށް، އެތުލެޓިކޯގެ ޑިއެގޯ ސިމިއޯނޭގެ ޢަމަލުތައް ބެހެއްޓި ގޮތުން އޭނާއަށް ރަތް ކާޑެއް ވެސް ދައްކާފައި ވެއެވެ.

މި މެޗުގައި ލިވަޕޫލްއާ އެންމެ ފަހުން ގުޅުނު އެލެކްސެންޑަރ އިސާކް ވެސް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނިކުމެފައެވެ. ނަމަވެސް، ލިވަޕޫލްގެ ކޯޗު އާރނޭ ސްލޮޓް އޭނާ ބޭނުންކުރީ، އޭނާއަކީ މި އަހަރުގެ މެއި މަހުގެ ފަހުން 4 މަސް ވަންދެން ވާދަވެރި މެޗެއް ނުކުޅެ ހުންނަން ޖެހުނު ކުޅުންތެރިއެއްކަން ދަނެގެން، މެޗުގެ އެއްބައިގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން