ކުޅިވަރު
ހައި ޕާރފޯމެންސް ބެޑްމިންޓަން ޓްރެއިނިން ހެދުމަށް ނައިފަރުގެ ކުޅުންތެރިންތަކެއް އިންޑިއާއަށް

ބެޑްމިންޓަން އެކެޑަމީ އޮފް ނައިފަރުގެ ކުޅުންތެރިން ބެންގަލޫރަށް ފުރުމަށް އެއާރޕޯޓަށް ދިއުމަށްފަހު ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: ބެޑްމިންޓަން އެކެޑަމީ އޮފް ނައިފަރު
ހައި ޕާރފޯމެންސް ބެޑްމިންޓަން ޓްރެއިނިން ހެދުމަށް، ބެޑްމިންޓަން އެކެޑަމީ އޮފް ނައިފަރުގެ 11 ކުޅުންތެރިން އިންޑިއާގެ ބެންގަލޫރަށް ގޮސްފިއެވެ.
މި ކުޅުންތެރިން ޓްރެއިނިން ހެދުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 16 އިން 25އަށް އިންޑިއާގެ މަޝްހޫރު ޕަޑްކޯން ސުކޫލް އޮފް ބެޑްމިންޓަންގައެވެ. މިއީ އެ ޤައުމުގެ އެންމެ މަތީ ފަންތީގެ ބެޑްމިންޓަން ކުޅުންތެރިންވެސް ތަމްރީނު ހަދަމުން އަންނަ ސްކޫލެވެ.
ނައިފަރު އެކެޑަމީއިން މި ތަމްރީނުތަކަށް ދިޔަ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ދާދިފަހުން ބޭއްވި ނައިފަރު އޯޕަން ބެޑްމިންޓަން މުބާރާތުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިންނެވެ. މީގެ ތެރޭގައި ޤައުމީ ބެޑްމިންޓަން ސްކޮޑުން ޖާގަ ހޯދާފައިވާ ކުޅުންތެރިއެއް ވެސް ހިމެނެއެވެ.
ބެޑްމިންޓަން އެކެޑަމީ އޮފް ނައިފަރުގެ ފަރާތުން ހައި ޕާރފޯމެންސް ޓްރެއިނިންއަށް ދިޔަ ކުޅުންތެރިން:
- އިބްރާހިމް ނާޝިތު ހަމްދީ
- ޔޫނުސް ކައިފް މުހައްމަދު
- ކައިސް ބިން ހާމިދު
- ރަހުކް ޒަކަރިއްޔާ ރިމްޒާން
- ހުސެއިން މިސްކު މުހައްމަދު
- އިބްރާހިމް ޝުޖާއު އަޝްރަފް
- އައިމިނަތު އައިނީ އަޝްރަފް
- އައިމިނަތު ނައުރާ ޝަރުވަތު
- ޔަޒާން ޔާސިރު މުހައްމަދު
- ސާރާ އައިނީ މުހައްމަދު
- ޔޫސުފް އަކިޔަސް އަސްރަފް
މީގެ ތެރެއިން ނާޝިތަކީ ރާއްޖޭގެ ޖޫނިއާރ އަދި ސީނިއާ ބެޑްމިންޓަން ސްކޮޑުން ދާދިފަހުން ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ.
ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ ފަރާތުން އެ އެކަޑެމީގެ އެކްޓިވިޓީ މެނޭޖަރ ޝަރުވަތު އިބްރާހިމް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިއީ އެ އެކަޑެމީގެ ކުޅުންތެރިންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ. އެގޮތުން މިއީ އިންޑިއާގެ ވޯލްޑް ރޭންކިންގެ ކުދިންވެސް ތަމްރީމު ހަދަމުން އަންނަ ސެންޓަރުކަމުން، އެ ތަނުގައި ކުދިން ހައިޕާފޯމެންސް ޓްރޭނިން ހަދާގޮތާއި، އެ ޓްރޭނިންތައް ލިބިގެންދާނެކަމަށް، އޭނާ ވަނީ ވިދާޅުވެފައެވެ.
މި ތަމްރީނު ޕްރޮގްރާމުގެ މުއްދަތަކީ 7 ދުވަހެވެ. އަދި މިއީ ނައިފަރުގެ އެކިއެކި ފަރާތްތަކުގެ ދީލަތި އެހީ އާއި ބެލެނިވެރިންގެ އެހީގައި އެ އެކަޑަމީގެ ކުދިންނަށް ހޯދައިދިން ފުރުސަތެކެވެ.