ޚަބަރު
ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލިހާ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި

ދެ ޤައުމުގެ މަޖިލިސް ރައީސުން ބައްދަލުކުރައްވަނީ. ފޮޓޯ: މަޖިލިސް އިދާރާ.

ފަރުދުން
18 ސެޕްޓެމްބަރު 2025، 11:46
18 ސެޕްޓެމްބަރު 2025، 11:46
ދިވެހިރާއްޖެއާއި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލިހުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ޤައުމުގެ މަޖިލިހުގެ ރައީސުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން ކުރިއަށްދިޔައީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެ މަނިކުފާނު ޕާކިސްތާނަށް ވަޑައިގެންނެވީ މި ދިޔަ އަންގާރަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މި ދަތުރުފުޅުގައި، އެ މަނިކުފާނު ވަނީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް ސަރްދާރް އަޔާޒް ޞާދިޤްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ މެދު މުޝާވިރުކުރައްވާފައެވެ.
މިހާރު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލިހާއެކު، މޯލްޑިވްސް-ޕާކިސްތާން ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕް އަލުން އުފެއްދުމުގެ ސަބަބުން ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، ރައްޔިތުންގެ މަޖިލިހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، މަޖިލިހުގެ ޢިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ ގޮތުގައި މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޢަބްދުއްރަޙީމް ވަނީ ޣައްޒާގެ ރައްޔިތުން ތަޙައްމަލުކުރަމުންދާ ލާއިންސާނީ އަނިޔާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި މަޖިލިހުން، ޔަހޫދީ އިސްރާއީލުގެ ޕާސްޕޯޓު ބޭނުންކުރާ ފަރާތްތަކަށް ރާއްޖެ ވަނުން މަނާކުރާ ގޮތަށް ޤާނޫނަށް ގެނައި އިޞްލާޙު ފާހަގަކުރައްވައި، ދިވެހިރާއްޖެ އަބަދު ވެސް އޮންނާނީ ފަލަސްޠީނާ އެކުގައިކަމަށް މަޖިލިހުގެ ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ، މިމަހުގެ 16ވަނަ ދުވަހުން 20ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކާއި، ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދާއި، ހުޅުމާލޭ މެދު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަޛީމް ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލިހުގެ ޢިމާރާތަށް ޢަބްދުއްރަޙީމް ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި އެ ޤައުމުގެ މަޖިލިހުގެ ރައީސް ދެއްވި ފަރިއްކޮޅެއްގައި ވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.