ޚަބަރު
ގެދޮރިވެރިޔާ ސްކީމްގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލާގައި އަކްރަމާއި ޢާރިފްގެ މައްޗަށް ދަޢުވާކޮށްފި

އަކްރަމް ކަމާލުއްދީން އަދި ޢާރިފް
މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރިވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން ޙައްޤު ނޫން ފަރާތްތަކަށް ގެދޮރު ދިނުމުގެ މައްސަލާގައި ކުރީގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ އިސްވެރިން ހިމެނޭ ހަތަރު ފަރާތެއްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިމައްސަލަ ކޯޓަށް ހުށައެޅީ މިމަހުގެ 10 ވަނަ ދުވަހުއެވެ. މިއީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލާ ޚިލާފަށް، ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް ޕޮއިންޓް ދީ، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
މި މައްސަލާގައި ދަޢުވާ ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް އަދި ގެދޮރުވެރިން ކޮމިޓީގެ ޗެއަރމަން އަކްރަމް ކަމާލުއްދީން، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު މުޙައްމަދު ޢާރިފް، ޑިރެކްޓަރ ޖެނެރަލް އަޙްމަދު ވިޝާން ނަސީމް، އަދި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު ޟިރުޣާމް ވަޙީދު އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި މި ފަރާތްތަކުގެ މައްޗަށް ދަޢުވާކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މިއީ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ތަޙުޤީޤުތައް އަވަސްކުރުމަށް ޚާއްޞަ އަމުރެއްގެ ދަށުން ކުރިއަށްގެންދެވުނު މައްސަލައެކެވެ.
މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަޙުޤީޤުކުރަމުންނެވެ. އެ ބައިތަކުގެ ތަޙުޤީޤު ނިމުމުން އިތުރު ދަޢުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.